ބޮޓަފޯގޯ ކުޅުންތެރިއެއްގެ ގޮތުގައި ހޮންޑާ ތައާރަފްކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
09 ފެބުރުއަރީ 2020 - 12:52
ރިއޯ ޑި ޖެނީރޯ (ފެބްރުއަރީ 9) - ބްރެޒިލްގެ ޓީމަކަށް ކުޅުމަކީ އަބަދުވެސް ހިތުގައި އޮތް ޝައުގުވެރިކަމެއް ކަމަށް ދާދި ފަހުން ބްރެޒިލްގެ ބޮޓަފޯގޯ އަށް ބަދަލުވި ޖަޕާނުގެ ތަރި ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ހޮންޑާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނެދަލެންޑްސްގެ ވިޓޭސީ އަށް ބަދަލުވެ އެ ޓީމަށް ހަތަރު މެޗެއް ކުޅެދީފަ އެވެ. އެކަމަކު އެ ޓީމުން އޭނާ އަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ އެ ޓީމު ދޫކޮށްލީ އެވެ. ބޮޓަފޯގޯ އަށް ބަދަލުވުމަށް ފަހު އިއްޔެ ހޮންޑާ ވަނީ ބްރެޒިލަށް ގޮސްފަ އެވެ. އެއާޕޯޓުގައި ވެސް ހޮންޑާ އަށް މަރުހަބާކިޔަން ގިނަ ސަޕޯޓަރުންތަކެއް އެއްވި އެވެ. އޭނާ ރަސްމީކޮށް ކްލަބް ޖޯޒީގައި ތައާރަފްކުރަން ބޭއްވި އިވެންޓު ބަލަން ދަނޑަށް 15000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނެވެ. އަދި ހޮންޑާ އަށް މަރުހަބާ ކިޔަން ބޮޓަފޯގޯ އަށް ކުރިން ކުޅުނު ބްރެޒިލްގެ ތަރި ޖެއިޒީނިއޯ ވެސް ދިޔަ އެވެ.
"އަހަންނަށް އޮތް އޭޝިއާ އާއި އެހެން ގައުމުތަކުގެ ހުށަހެޅުން ވެސް. އެކަމަކު އަހަރެން ބޭނުންވީ ބްރެޒިލަށް އަންނަން. މި ފުރުސަތު ފަހިކޮށްދިނީ ބޮޓަފޯގޯ އިން. ހަގީގަތުގައި ވެސް ބްރެޒިލް މިއީ ފުޓްބޯޅައިގެ ބިމެއް. (މި ގައުމުގެ) ކޮންމެ މީހަކީ ފުޓްބޯޅައިގެ މީހެއް. އަހަރެމެންނަށް ފުޓްބޯޅަ ދަސްވީ ބްރެޒިލްގެ ތަރިންގެ ކުޅުން ބަލައިގެން،" މީޑިއާގެ ސުވާލުތަކަށް ހޮންޑާ ބުންޏެވެ.
ހޮންޑާ ބުނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކެރިއަރުގެ ފަހު ކޮޅުގައި ބްރެޒިލްގައި ފުޓްބޯޅައިގެ ތަޖުރިބާއެއް ކޮށްލަން ބޭނުންވަނީ ސަބަބުތަކެއް ނެތިއެއް ނޫން ކަމަށާއި ފުޓްބޯޅައިގެ އަސްލު ރޫހު ބްރެޒިލާ ގުޅިފައިވާ ކަމަށެވެ.
ބޮޓަފޯގޯ ކުޅުންތެރިއެއްގެ ގޮތުގައި ހޮންޑާ ތައާރަފްކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
"ސަޕޯޓަރުންނާއި ކުޅުންތެރިންގެ ގުޅުން. ފުޓްބޯޅަ އަށް އޮތް ލޯބި އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވޭނެ ގައުމަކީ ބްރެޒިލް. އިޓަލީ އަކީ ވެސް ފުޓްބޯޅައިގެ ފޯރި އަށް ބަލާއިރު އަހަންނަށް ކުރެވުނު ތަފާތު ތަޖުރިބާއެއް،" ހޮންޑާ ބުންޏެވެ.
ކެރިއަރުގެ ފަހު ކޮޅުގައި މީގެ ކުރިން ބޮޓަފޯގޯއާ ގުޅުނު ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިޔަކީ ނެދަލެންޑްސްގެ ލެޖެންޑް ކްލަރެންސް ސީޑޯފް އެވެ.
ހޮންޑާގެ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށުނީ 2004 ވަނަ އަހަރު ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ރަޝިއާ، އިޓަލީ، ނެދަލެންޑްސް، އޮސްޓްރޭލިއާ އަދި މެކްސިކޯގެ ކްލަބްތަކުގައި ކުޅެފަ އެވެ. އޭގެ ތެރެއިން އިޓަލީގެ އޭސީ މިލާނަށް އޭނާ ވަނީ ތިން އަހަރު ކުޅެދީފަ އެވެ.
ފުޓްބޯޅަ ކުޅުމުގެ އިތުރުން ހޮންޑާ އަންނަނީ ކެމްބޯޑިއާގެ ކޯޗުގެ މަގާމު ވެސް ފުރަމުންނެވެ. އޭނާއާ އެ މަގާމު ހަވާލުކުރީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ފީފާ ރަސްމީ ދުވަސްތަކުގައި ކުޅޭ ބައިނަލްއަގުވާމީ މެޗުތަކުގައި ކެމްބޯޑިއާ އަށް އިރުޝާދުދޭނީ ހޮންޑާ އެވެ. އެކަމަކު އޭނާ ނެތް ވަގުތުތަކުގައި އެ ޓީމުގެ ކަންތައްތައް ބަލަހައްޓާނީ އެސިސްޓަންޓް ކޯޗު އާޖެންޓީނާގެ ފެލިކްސް ޑަލްމާސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުޒުކީ
09 February 2020
ސުޕަ ހޮންޑާ .