ކުޅިވަރު

އޮލިމްޕިކްސްގައި ކުޅުމާމެދު ސަލާހު ގޮތެއް ނުނިންމާ

ލިވަޕޫލްގެ މެޗެއްގެ ތެރެއިން މުހައްމަދު ސަލާހު.-- ފޮޓޯ: އޭއެފްޕީ

13 ފެބުރުއަރީ 2020 - 09:48

ގާހިރާ (ފެބްރުއަރީ 13) - ޓޯކިޔޯގައި ޖުލައި މަހު ބާއްވާ އޮލިމްޕިކްސްގައި ވާދަކުރާ މިސްރުގެ ޒުވާން ޓީމަށް ކުޅެން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ނުނިންމާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިސްރުގެ އެފްއޭގެ އޮފިޝަލަކު މިދިޔަ ނޮވެމްބަރު މަހު އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޮލިމްޕިކްސްގައި ކުޅޭ މިސްރު 23 އަހަރުން ދަށުގެ ޓީމުގައި ހިމަނާ ސީނިއާ ތިން ކުޅުންތެރިންގެ ތެރޭގައި ސަލާހަށް ޖާގަދޭނެ ކަމަށެވެ. އަދި އެ މުބާރާތުގައި ކުޅެން ސަލާހު ވެސް ރުހުންދީފައިވާ ކަމަށް އޭރު އެ އޮފިޝަލާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. ސަލާހުގެ އޭޖެންޓް ރެމީ އައްބާސް ވަނީ އެކަން ދޮގުކޮށްފަ އެވެ.

އޮލިމްޕިކްސްގައި ވާދަކުރާ މިސްރު ޓީމުގެ ކޯޗު ޝައުކީ ގާރިބް އެ މުބާރާތަށް އެކުލަވާލި 50 ކުޅުންތެރިންގެ ލިސްޓުގައި ވަނީ އުމުރުން 27 އަހަރުގެ ސަލާހުގެ ނަން ހިމަނައިފަ އެވެ. ގާރިބް ބުނީ ޓީމުގައި ސަލާހުގެ ނަން ހިމެނި ކަމުގައި ވިޔަސް އެ މުބާރާތުގައި ސަލާހު ލައްވައި ކުޅުވަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

"ފައިނަލް 18 ކުޅުންތެރިންގެ ލިސްޓު އެކުލަވާލާނީ އަންނަ ޖޫންގައި. ސަލާހު ލައްވައި މަޖުބޫރުން ނުކުޅެވޭނެ. މީގައި ގޮތެއް ނިންމާނީ ސަލާހާއި އޭނާގެ ކްލަބާއި އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް. ސަލާހު ލައްވައި ކުޅުވަން އަހަރެން ބޭނުން،" ގާރިބް ބުންޏެވެ.

ސަލާހުގެ އޭޖެންޓް އައްބާސްއާ ހަވާލާދީ މިސްރުގެ މީޑިއާ އިން ރިޕޯޓްކުރާގޮތުގައި އޮލިމްޕިކްސްގައި ކުޅުމާ ބެހޭގޮތުން ސަލާހު ގޮތެއް ނިންމާނީ މި ސީޒަން ނިމުމުންނެވެ. އަދި އަވަސް އަރުވާލައިގެން ގޮތެއް ނިންމުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭ ކަމަށެވެ.

ހަތާވީސް އަހަރަށް ފަހު މިސްރަށް 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިދިން ސަލާހު އަކީ މި ވަގުތު ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އެކަމަކު ފަހަކަށް އައިސް މިސްރު އެފްއޭއާ އޭނައާ ދެމެދު ގިނަ ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް އޮތުމުން ސަލާހަށް ލިވަޕޫލްގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ބައިވެރިވެވުނީ ފަހުންނެވެ. އޮލިމްޕިކްސް ނިމޭނީ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގެ 2020-2021 ވަނަ ސީޒަން ފަށަން ތާވަލުކޮށްފައި އޮތް ދުވަހެވެ. އެހެންކަމުން ސަލާހު އޮލިމްޕިކްސް އަށް ގޮސްފިނަމަ ޖެހިޖެހިގެން ދެ ވަނަ އަހަރު އޭނާ އަށް ޕްރީ ސީޒަން ގެއްލޭނެ އެވެ. އަދި މި ފަހަރު އޭނާ އަށް ގެއްލޭނީ މުޅި ޕްރީ ސީޒަން އެއްކޮށެވެ.

ސަލާހަށް މި ސީޒަނުގެ ކުރީކޮޅުގައި އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫވީ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެއްކޮށް ރަނގަޅުނުވާތީ އެވެ. އެކަމަކު ފަހަކަށް އައިސް ލިވަޕޫލް ކުޅުނު މެޗުތަކުގައި ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އޮލިމްޕިކްސްގައި ނޭމާ ވަނީ ކުޅެފަ އެވެ. މި އަހަރު ފްރާންސްގެ އެމްބާޕޭ ކުޅެން ނިންމާފައިވާއިރު، ސްޕެއިނުން އަންނަނީ އަންދްރެސް އިނިއެސްޓާ އާއި ޑޭވިޑް ސިލްވާ ލައްވައި ކުޅުވަން މަސައްކަތްކުރަމުންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454