25 މާޗް 2020 - 11:11
ޓޯކިޔޯ (މާޗް 25) – ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ޖަޕާނުގެ ޓޯކިޔޯގައި ޖުލައި 24 އިން އޮގަސްޓް 9 އަށް ބާއްވަން ރޭވި ގޭމްސް ދެން އޮންނާނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ވުރެ ފަސްނުވާނެ ތާރީހެއްގަ އެވެ. އަންނަ އަހަރު ބޭއްވި ނަމަވެސް، ގޭމްސް ބްރޭންޑްކުރާނީ"'އޮލިމްޕިކްސް 2020" ގެ ގޮތުގަ އެވެ.
"އަހަރެން ހުށަހެޅީ އެއް އަހަރަށް ފަސްކުރަން އަދި އެކަމަށް (އައިއޯސީ) ގެ ރައީސް ތޯމަސް ބެޗް ޖަވާބުދެއްވީ 100 ޕަސެންޓް ތާއީދާ އެކު،" ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވި އެވެ.
މުޅި ދުނިޔޭން 400،000 އަށް ވުރެ ގިނަ މީހުން ގަޔަށް އަރާފައިވާ މި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ގައުމުތައް ލޮކްޑައުންކޮށް ދަތުރުފަތުރު ހުއްޓައި ކުޅިވަރު ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ފުޓްބޯޅަ ލީގުތައް ވެސް ހިމެނެ އެވެ. އެ ލީގުތައް ކުރިއަށް ގެންދަން ވަގުތު ދިނުމުގެ ގޮތުން، ޖޫން/ޖުލައި މަހު ބާއްވާ ގޮތަށް އޮތް ޔޫރޯ އާއި ކޮޕާ އެމެރިކާ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
އޮލިމްޕިކްސް ފަސްކުރަން ނިންމާފައިވަނީ އެކަމަށް އެދި ވަރަށް ގިނަ ބަޔަކު ގޮވާލަމުން އަންނަނިކޮށެވެ. ކެނެޑާގެ އޮލިމްޕިކްސް އަދި ޕެރެލިމްޕިކްސް ކޮމިޓީން ވަނީ، ކުރީގެ ތާރީހުގައި ގޭމްސް ބާއްވާ ނަމަ ޓީމުތައް ނުފޮނުވާނެ ކަމަށް ބުނެފަ އެވެ. އަދި ބައެއް އިންޑިވިޖުއަލް އެތުލީޓުން ވެސް އެކަމަށް ގޮވާލި އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ފަހަރުގެ ގޭމްސްގައި 33 ކުޅިވަރަކުން 339 އިވެންޓް އޮންނާނެ އެވެ. އަދި ދުނިޔެ 205 ގައުމަކުން 11،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy