15 މެއި 2020 - 14:32
މިއުނިކް (މޭ 15) – އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ޖަރުމަން ލީގުގައި ދިގު މުއްދަތެއްގައި މަޑުކުރުމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް އާލިން ހާލާންޑަށް، ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އިރުޝާދު ދީފި އެވެ.
ޔޫރަޕުގެ ބޮޑެތި ޓީމުތަކުން ހާލާންޑް ހޯދަން މަސައްކަތްކުރަނިކޮށް ޑޯޓްމަންޑުން އެކަން ކާމިޔާބުކޮށް އޭނާ ގެނައީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ ވަނީ އެ ޓީމަށް 11 މެޗުން 12 ގޯލް ޖަހައިފަ އެވެ. މި ސީޒަނުގެ ފުރަތަމަ ބައިގައި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގަށް އޭނާ 22 މެޗުން 28 ގޯލް ޖަހައިދިނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހޯދަން ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް ހިމެނެ އެވެ. އެހެންވެ ފަހަރުގައި އެންމެ ސީޒަނަކަށް ފަހު ވެސް އޭނާ ކްލަބް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ. އެއާ އެކު ވާދަވެރި ކްލަބުގެ ފޯވާޑް ލެވޮންޑޮސްކީ މިވަނީ ހާލަންޑަށް ނަސޭހަތެއް ދީފަ އެވެ. ލެވޮންޑޮސްކީ ބުނި ގޮތުގައި ހާލާންޑަކީ ވަރަށް އުއްމީދީ ކުޅުންތެރިޔެއް ކަމަށާއި އެކަމަކު އޭނާ އަށް އަދި ވަގުތު އެބައޮތް ކަމަށެވެ.
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ މި ވާހަކަތަކުން އޭނާ އަށް އެއްވެސް ޕްރެޝަރެއް ދޭކަށް،" ލެވޮންޑޮސްކީ ބުންޏެވެ. "އޭނާ ބުރަކޮށް މަސައްކަތްކޮށްފިއްޔާ އޭނާ އަދި މިއަށް ވުރެ މޮޅު ކުޅުންތެރިޔަކަށް ވާނެ އަދި އެންމެ މައްޗަށް ދާނެ. އެހެންވެ އޭނާ އަށް ރަނގަޅު ވެދާނެ، އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ޖަރުމަން ލީގުގައި ދިގު މުއްދަތެއްގައި މަޑުކުރިއްޔާ."
ލެވޮންޑޮސްކީ އަކީ ވެސް ޑޯޓްމަންޑުގައި ވިދާލި ކުޅުންތެރިޔެކެވެ. އެ ޓީމަށް 2010-2014 އަށް 187 މެޗުން 103 ގޯލް ޖަހައިދިނުމަށް ފަހު ބަޔާން މިއުނިކަށް ބަދަލުވީ އެވެ. އެ ޓީމަށް 275 މެޗުން 230 ގޯލް ވަނީ ޖަހައިދީފަ އެވެ. އޭނާ އަށް ވެސް ރެއާލް މެޑްރިޑާއި އެނޫން ވެސް ބޮޑެތި ކްލަބްތަކުގެ އޮފާތައް އަބަދުވެސް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަްއައްޔަ
16 May 2020
ތިޔަ ނަސޭހަތް ރަނގަޅު ކަމަށް ފެނޭ...އަވަސް އަރުވާނުލިޔަކަސް ވެދާނެ. ސްޕެއިނަށް ދިއުމުން އެމީހުން ކަންކުރާ ގޮތަކީ އެންމެ ސީޒަނެއްގަ ފޯމް ދަށްވިޔަސް ވިއްކާލެވޭތޯ އުޅޭނި.... ގުޑް ލަކް.....