އުމުރުން އެންމެ 11 އަހަރު ގުއީ ކޫރީ: ވައިގެ ތެރޭގައި ތިން ބުރު އަޅާލުމަކީ އާދަޔާ ހިލާފު ކަމެއް
23 މެއި 2020 - 11:31
ޒުވާން ސްކޭޓާސްގެ ތެރޭގައި އަބަދުވެސް އޮންނަނީ ކޮންމެވެސް މޮޅު ކަމެއް ކޮށްލުމުގެ ހުވަފެންތަކެވެ. އެކަމަކު ސްކޭޓްބޯޑިންގައި، ބުރުއެޅުމާއި ތަންތަނުގެ މައްޗަށް އެރުން ފަދަ ކަންކަމުގައި ވެސް ހައްދުތަކެއް އޮވެ އެވެ. އެއީ ވެސް ފިޒިކްސްއާ ގުޅިފައި ހުންނަ ކަންކަމެވެ. އެހެންކަމުން އާންމު އުސޫލުން ބޭރުން ކުރެވޭ ކަންކަން، ދެން ހިމެނެނީ އަޖައިބެއްގެ ގޮތުގަ އެވެ. އުމުރުން އެންމެ 11 އަހަރުގެ ގުއީ ކޫރީ، ސްކޭޓްބޯޑިންގެ ދުނިޔެ އަންތަރީސްކޮށްލީ އާދައިގެ ކަމަކުން ނޫނެވެ.
އޭނާ ސްކޭޓްބޯޑް ދުއްވާފައި ގޮސް، މައްޗަށް ފުންމައިގެން އަރައި، ތިރީގައި ފައި ޖެހުމުގެ ކުރިން ފުރިހަމަކޮށްލި ތިން ބުރަކީ، ހާފްޕައިޕެއް (ހޮޅިއެއް ދެ ފަޅިކޮށްލުމުން އޮންނަ ސިފައަށް ހަދާފައި ހުންނަ ރޭމްޕް)ގައި މިހާތަނަށް ރެކޯޑެކެވެ. ވައިގެ ތެރޭގައި ތިން ބުރު ހަމަކުރަން ކިޔަނީ 1،080 އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ 1،080 ޑިގްރީ އެވެ. ބުރެއް ފުރިހަމަ ވަނީ 360 ޑިގްރީއަށް ކަމުން، ތިން ބުރު ހަމަވުމަކީ 1،080 އެވެ.
ހާފްޕައިޕަށް ވުރެ ބޮޑެތި ރޭމްޕްތަކުގައި، ވަރަށް މަދުން 1،080 ހަދާފައި އެބަ ހުއްޓެވެ. އެކަމަކު ރޭމްޕް ބޮޑުވުމަކީ، ސްކޭޓްބޯޑު ދުއްވާނެ ޖާގަ ވެސް އިތުރުވެ، ދެ ކޮޅުން މައްޗަށް އަރާ ބައި އުސް ވެސް ވުމެވެ.
"އަހަންނަށް އެނގޭ އެކަން ކުރެވޭނެކަން، އަހަރެން ހަމަ މަސައްކަތްކުރީ،" ގުއީ ބުންޏެވެ.
އޭނާ ވިހޭ އިރު ވެސް ބައްޕަ ރިކާޑޯގެ ފަރާތުން އޮތީ ސްކޭޓްބޯޑެއް ލިބިފަ އެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ސްކޭޓްބޯޑިންގެ ފިލާވަޅުތައް، ކެލިފޯނިއާގެ ޓައުނެއްގައި، ދުނިޔޭގެ މަޝްހޫރު މީހުންނާ އެކު، ނަގަން ފެށި އެވެ. އޭގެ އެއް އަހަރު ފަހުން، ރޭމްޕްގެ މަތިން ތިރިއަށް ދާން ދަސްކުރި އެވެ.
"ކުޑަޔަސް ވަރަށް ކެރޭ ކުއްޖެއް އެއީ،" ބައްޕަ ރިކާޑޯ ބުންޏެވެ.
"އެގޮތަށް އެކަން ފެށުނީ އެހެންވެ. ބޮޑެތި ރޭމްޕްތަކުގައި ވެސް މަތީގައި ހުރެ ސްކޭޑްބޯޑުގައި ތިރިއަށް ދުއްވާލާ."
އޭނާ ބުނި ގޮތުގައި ކެލިފޯނިއާގެ ދެކުނު ސަރަހައްދުގައި އާއިލީ ގެ ހުންނަ ހިސާބުގެ ވަށައިގެން ސްކޭޓް ޕާކްތައް ހިންގަ އެވެ. އެތަންތަނަށް ގެންދަން ފެށުމުން ދަރިފުޅުގެ ހުނަރާއި ގާބިލްކަން އެނގެން މާ ގިނަ ދުވަހެއް ނުވި އެވެ.
މިހާރު އާއިލާ ދިރިއުޅެނީ ބްރެޒިލްގަ އެވެ. ދިރިއުޅުން ބަދަލުކުރުމަށް ފަހު ރިކާޑޯ ވަނީ، ގުއީއަށްޓަކައި އަމިއްލައަށް ރޭމްޕެއް ހަދައިފަ އެވެ. އެތަނުގައި ފަރިތަކުރަން ފެށި ފަހުން ގުއީ ވަނީ ފުރަތަމަ ފަހަރަށް މެކްޓްވިސްޓެއް ފުރިހަމަކޮށްފަ އެވެ. އެއީ ވައިގެ ތެރޭގައި ފަހަތަށް 540 ޑިގްރީއަށް އެނބުރި ގަތުމެވެ.
"އޭރު އޭނާގެ އުމުރަކީ އެންމެ ހަތް އަހަރު. އެއީ ސްކޭޓްބޯޑު ދުއްވާ މީހަކަށް، ވަރަށް، ވަރަށް އުނދަގޫ ކަމެއް. އޭގެ ތިން މަސް ފަހުން 720 [ވައިގެ ތެރޭގައި ދެ ބުރު އެޅުން] ހެދި ދުނިޔޭގެ އެންމެ ހަގު ކުއްޖާއަށް އޭނާ ވި،" ރިކާޑޯ ބުންޏެވެ.
އުމުރުން 11 އަހަރުގެ ގުއީ ކޫރީ ޕްރެކްޓިހުގައި: އޭނާ މިހާރު އުއްމީދުކުރަނީ ވައިގެ ތެރޭގައި ތިން ބުރައި ބައި ފުރިހަމަކުރެވޭނެ ދުވަހަކަށް
ސްކޭޑްބޯޑިންގެ ދުނިޔެ ހައިރާންކޮށްލި 1،080 ހެދި ދުވަހު އެކަން އޭނާއަށް ކުރެވުނީ ދިހަ ފަހަރަށް މަސައްކަތްކޮށްގެންނެވެ. ކޮންމެ ފަހަރަކު ވެސް ތިން ބުރު އަޅާފައި ތިރިވެ، ސްކޭޑްބޯޑު ދުއްވާލުމުގެ ކުރިން، ހަށިގަނޑު ކޮންޓްރޯލް ނުކުރެވި ވެއްޓެނީ އެވެ.
ސްކޭޓްބޯޑިންގައި ގުއީއަށް ވަނީ އާދަޔާ ހިލާފު އެހެން ހުނަރެއް ލިބިފަ އެވެ. އެއީ މަތިން ތިރިއަށް އައިސް ޖެހިގަންނަ ވަގުތު ވެއްޓެން ދިޔަ ނަމަވެސް ހަށިގަނޑު ހަމަޔަކަށް އެޅުވުމުގެ ގާބިލްކަމެވެ. އެއީ ވަރަށް މަދު މީހަކަށް ނޫނީ ލިބިފައި ނެތް ހުނަރެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. އޭނާ 1،080 ފުރިހަމަކުރި ފަހަރު ވެސް ތިރީގައި ޖެހުމާ އެކު އުޅުނީ ވެއްޓޭށެވެ. އެކަމަކު ހަށިގަނޑު ހަމަޖެހިލައި، ސްކޭޑްބޯޑް ދުއްވާލި އެވެ.
ގުއީގެ އުއްމީދަކީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު އަލުން މުބާރާތްތައް ފެށުމުން އޭނާގެ ހުނަރު ދައްކާލުމެވެ. އަބަދުވެސް އާ ޓްރިކްތައް ހަދަން ސަމާލުކަން ދޭތީ އޭނާ މިހާރު ވިސްނައިގެން ހުރީ 1،260 އެއް ހަދާށެވެ. އެއީ ވައިގެ ތެރޭގައި ތިން ބުރައި ބައި ފުރިހަމަކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނުނު
24 May 2020
ނޫސްވެރިން ކޮސްވާނެ މީހަކު ބާރުލާ ފޮޑިއެއް ޖެހިޔަސް
ދޮންވެލި
23 May 2020
ގުއި ވާހަކަ އެކެވެ.