28 ޖޫން 2020 - 12:38
އެމްސްޓެޑަމް (ޖޫން 28) – މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލި ނެދަލެންޑްސް ވިންގާ އާޔެން ރޮބެން، އޭނާ ކެރިއަރު ފެށި ކްލަބް ކަމަށްވާ ނެދަލެންޑްސްގެ ގްރޮނިންގެންގެ ޖާޒީގައި އަލުން ކުޅެން ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު މިދިޔަ ސީޒަނަށް ފަހު ރިޓަޔާކުރި އުމުރުން 36 އަހަރުގެ ރޮބެން ބުނީ ގްރޮނިންގެން ޓީމުގައި އެނބުރި އަންނަން ބޭނުންވާ ކަމަށާއި އެކަމަކު އެކަން ވާނެ ކަމެއް އަދި މިވަގުތު ނޭގޭ ކަމަށެވެ.
"އަހަންނަށް އެނގޭ ކަމަކީ އަހަރެންގެ މޯޓިވޭޝަން ހުންނާނީ ސަތޭކަ ޕަސެންޓުގައިކަން. އަހަރެން އެދިމާލަށް ދާނަން، އަދި އާ ސީޒަނަށް ފުރަތަމަ ޕްރެކްޓިހުގައި ބައިވެރިވާނަން." ރޮބެން ބުންޏެވެ. "ސަބަބަކީ އަހަރެންގެ ހުވަފެނަކީ ގްރޮނިންގެންގެ ޖާޒީގައި ކުޅުން ކަމަށްވުން. އަދި އެހިސާބަށް ނުދޭ އެކަމަކު އުއްމީދު ކުރެވިދާނެ."
ގްރޮނިންގެންގެ އެކަޑަމީން ތަމްރީންވި ރޮބެން އެ ކްލަބުގެ ސީނިއާ ޓީމުން 2000 ވަނަ އަހަރު ކެރިއަރު ފަށައި ދެ އަހަރު ކުޅެދިނެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ޕީއެސްވީ އާއި އިންގްލެންޑުގެ ޗެލްސީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ބަޔާން މިއުނިކުގަ އެވެ.
އެ ޓީމަށް 2009-2019 އަށް 309 މެޗު ކުޅެދީ، ޖަރުމަން ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް ކުޅުނުއިރު ޓީމުގައި ހިމެނުނު ރޮބެން ވަނީ ގައުމީ ޓީމަށް 96 މެޗު ކުޅެދީފަ އެވެ. ރޮބެން އަކީ ފަހަކަށް އައިސް ފެނުނު އެންމެ ހުނަރުވެރި އެއް ވިންގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިބަރީ
28 June 2020
ވަރަށް ކަމުދާ ކުޅުންތެރި އެކެވެ. ދުވަހަކު ވެސް ރޮބެން ނުފެނި ދާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުމެއް އޮވެއެވެ