ނިއުޔޯކްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ވިޔާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2020 - 09:55
ނިއުޔޯކް (ޖުލައި 24) - ސްޕެއިނުގެ ކުރީގެ ފޯވާޑް ޑޭވިޑް ވިޔާ، އެމެރިކާގެ ނިއުޔޯކް ސިޓީ އަށް ކުޅުނުއިރު އެ ކްލަބްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ޓްވިޓާގައި ދައްކަމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިޔާ ބުނެފި އެވެ.
ޓްވިޓާގައި ސްކައިލާ ބީ ގެ ނަމުގައި ހަދާފައިވާ އެކައުންޓެއް މެދުވެރިކޮށް އަންހެނަކު ބުނެފައިވަނީ ތަކުރާރުކޮށް އޭނާ އަށް ވިޔާ ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި މި ކަންތައްތައް ނިއުޔޯކް ސިޓީގެ ކްލަބްގެ ބައެއް ސުޕަވައިޒަރުންނަށް ވެސް އެނގޭނެ ކަމަށާއި އެ މީހުން ދުށީ މިއީ ވިޔާ ސަމާސާއަކަށް ކުރާ ކަމެއް ކަމުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ނިއުޔޯކް ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބްގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ވާހަކަތަކެއް އަޑުއިވިފައިވާ ކަމަށާއި މި ކަހަލަ އެއްވެސް ކަމެއް އެ ކްލަބުން ދޫކޮށްނުލާނެ ކަމަށެވެ. އަދި މިކަން ހިގާދިޔަ ގޮތް ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެ ކްލަބްގެ ބަޔާނުގައިވެ އެވެ.
ނިއުޔޯކްގެ ބަޔާނާ އެކު ވިޔާ ވެސް ވަނީ އީއެސްޕީއެން މެދުވެރިކޮށް ބަޔާނެއް އާންމުކޮށްފަ އެވެ. އުމުރުން 38 އަހަރުގެ ވިޔާ ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ކޮން މަގުސަދެއްގައި ކުރާ ކަމެއްކަން ނޭނގޭ ކަމަށާއި މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެއްވެސް ސިފައެއްގައި ފުރައްސާރަކޮށް މީހުންނަށް އިހުތިރާމްކުޑަކޮށް އަމަލުކުރެވިގެން ނުވާނެ. އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. ހަމައެގޮތަށް ހަގީގަތާއި ހިލާފު މި ފަދަ ތުހުމަތުތަކެއް ކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން. އަހަރެންގެ މައްޗަށް މި ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތެއް،" ވިޔާ ބުންޏެވެ.
ވިޔާ ބުނީ މި ތުހުމަތުތަކާ ދެކޮޅަށް ކުރަން ޖެހޭ ކަންތައްތައް އޭނާގެ ގާނޫނީ ޓީމުން ކުރިއަށް ގެންދާނެ ކަމަށެވެ.
މަތީ ފަންތީގައި 19 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު ވިޔާ ވަނީ މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ. ސްޕޯޓިން ގިޔޯން، ވެލެންސިއާ، ބާސެލޯނާ އަދި ނިއު ޔޯކް ސިޓީގެ އިތުރުން ދެން ވިޔާ އެންމެ ފަހުން ކުޅެފައިވަނީ ޖަޕާނުގެ ވިސެލް ކޯބޭ އަށެވެ. ސްޕެއިން ގައުމީ ޓީމަށް 98 މެޗު ކުޅެދީފައިވާ ވިޔާ އަކީ 59 ގޯލާ އެކު އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ސްޕެއިނުގެ ރަން ޖީލުން 2008 އިން 2012 އަށް ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި ވިޔާގެ ދައުރު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ހަގީގަތް
25 July 2020
ބައެއްފަހަރު އަންހެނުން އުޅޭނެ މިފަދަ ކަންތައްތަކުން މާލީ މަންފާ ހޯދަން. ވިޔާޔަކީ އަހަރެން ވަރަށް ރެސްޕެކްޓް ކުރާ ކުޅުންތެރިޔެއް. އަހަންނަށް ވަރަށް ޤަބޫލުނުކުރެވޭ އޭނަ މިފަދަ ކަމެއް ކޮށްފާނެކަމަށް.
މަހަލްދީބު ރާނީ
24 July 2020
ޙަޤީޤަތުގައިވެސް އެކަހަލަ ޙާދިސާތައް ހިނގާނީ އަންހެނުންގެ ސަބަބުން. ފިރިހެނުންނާއި މާ ގާތްކޮށް އުޅެފަ، ފިރިހެނަކު ބަލާފައި ހިލާފިއްޔާ ބުނާނެ ޖންސީ ގޯނާ ކޮށްފިޔޭ.
ރޮމޭ
24 July 2020
އެކުގަ މަސައްކަތް ކުރާއިރު މިމީހުން ހިތުހުރި ބަހަކުން ފިރިހެންނަށް މުޙާތަބުކޮށްފަ ގަޔަށް ބޮލަށް އަރާފަ ހަމަ މިމީހުން ކުރިގޮތަށް މިމީހުންނާ ދޭތެރޭ ފިރިހެނަކު ކަންތައް ކުރީމަ މާދަން ނުކުމެ ޖިންސީ ފުރައްސާރަ ނޫނީއްޔާ ކޮންމެވެސް އެހެން އެއްޗެއް. މަންޖޭ ވިޔާ ކައިރީ ރީތިކޮށް ބުނެބަލަ މިލިއަނެއްހާ ޑޮލަރު ދޭށޭ ތިޔަގޮތަށް މައްސަލަ ނުޖައްސާ.