2016 ވަނަ އަހަރު ޒަވީ ރާއްޖެ އައި ދަތުރުގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ
26 ޖުލައި 2020 - 10:36
ދޯހާ (ޖުލައި 26) - ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަނުގައި ހުންނަން ޖެހިފައިވާ މުއްދަތުގައި ވެސް ޒަވީ ހެނާންޑޭޒްގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ކޯޗުކޮށްދޭ ޓީމު ކަމަށްވާ ގަތަރުގެ އަލް ސާދު އިން ބުނެފި އެވެ.
ގަތަރު ސްޓާސް ލީގު ޕްރޮޓޮކޯލްގެ ތެރެއިން ހުރިހާ ކުޅުންތެރިންނާއި ކޯޗުން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު، ޒަވީ ވެސް ވަނީ ޓެސްޓްކޮށްފަ އެވެ. ޒަވީ ވައިރަހަށް ޕޮޒިޓިވްވުމާ އެކު އޭނާ ވަނީ ވަގުތުން އައިސޮލޭޝަނަށް ގެންގޮސްފަ އެވެ.
"އަހަރެންގެ ހާލު ރަނގަޅު. ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބެންދެން އަހަރެން ހުންނާނީ އައިސޮލޭޝަނުގައި. ހުރިހާ ކަމެއް ރަނގަޅުވިހާ އަވަހަކަށް އަހަރެން ކުރިން އޮތްގޮތަށް މަސައްކަތްތަކުގައި ބައިވެރިވާނަން،" ޒަވީ ބުންޏެވެ.
ޒަވީގެ އަލް ސާދު އިއްޔެ ވަނީ ހަތަރު ސްޓާސް ލީގުގައި ކުޅުނު މެޗުން އަލް ހޯރް އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ޒަވީ ޓީމުގެ ބެންޗުގައި ނެތަސް އޭނާގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށް އެ ކްލަބްގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.
"ތެދެއް އަހަރެމެންގެ ކޯޗު ހުރީ އައިސޮލޭޝަނުގައި. އެކަމަކު އޭނާ އަށް ވީޑިއޯ މެދުވެރިކޮށް ހުރިހާ ކަމެއް ފެންނާނެ. އަހަރެމެންނާ ބަރާބަރަށް އޭނަ ވާހަަކަ ދައްކާ. އައިސޮލޭޝަނުގައި ހުއްޓަސް އޭނާ އަންނަނީ ޓީމަށް އެހީވަމުން،" އޮފިޝަލް ބުންޏެވެ.
އަލް ސާދު ދޫކޮށް ޒަވީ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ކޯޗުކޮށްދޭން ދާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރިފައިވަނިކޮށް ދާދި ފަހުން އޭނާ ވަނީ އަލް ސާދާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަަރަށް އާ ކޮށްފަ އެވެ. ޒަވީގެ އެދުމުގެ މަތިން އޭނާއާ އެކު ކުރިން ސްޕެއިން ގައުމީ ޓީމަށް ކުޅުނު ވިޔަރެއާލްގެ މިޑްފީލްޑަރު ސަންޓި ކަޒޯލާ ވަނީ އަލް ސާދަށް ބަދަލުވާން އެއްބަސްވެފަ އެވެ.
ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ވައިރަހުގެ އަސަރު މިހާރު މުޅި ދުނިޔެ އަށް ކޮށްފައިވާއިރު، ގަތަރުގެ އާބާދީގެ ހަތަރު ޕަސެންޓަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ގަތަރުން ލައްކައަކަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާއިރު ގަލްފް ސަރަަހައްދުން އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ކޭސް ފެނިފައިވަނީ ވެސް އެ ގައުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy