ފައިނަލް މެޗަށް ފަހު އޮސާކާ (ކ) އާއި އަޒަރެންކާ ތަށި ހިފައިގެން-- ފޮޓޯ: ޔޫއެސް އޯޕަން
13 ސެޕްޓެމްބަރ 2020 - 10:14
ނިއުޔޯކް (ސެޕްޓެމްބަރު 13) - ފަހަތުން އަރައި ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް ޖަޕާނުގެ ނައޯމީ އޮސާކާ ޔޫއެސް އޯޕަން ތަށި ދެ ވަނަ ފަހަރަށް އުފުލާލައިފި އެވެ.
ސެމީގައި މަޝްހޫރު ތަރި ސެރީނާ ވިލިއަމްސް ކަޓުވާލުމަށް ފަހު ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުގައި ކުޅުނު އަޒަރެންކާ ރޭގެ މެޗު ފެށީ ރަނގަޅަށެވެ. އޭނާ ވަނީ ފުރަތަމަ ސެޓު 1-6 އިން ގެންގޮސްފަ އެވެ. ދުނިޔޭގެ ރޭންކިންގެ ހަތަރެއްގައި އޮތް އޮސާކާ ފަހަތުން އަރައި މޮޅުވީ ދެން ކުޅުނު ދެ ސެޓު ތަފާތު ބޮޑުކޮށް 6-3، 6-3 އިން ގެންގޮސްގެންނެވެ.
މި މޮޅާ އެކު އުމުރުން 22 އަހަރުގެ އޮސާކާ އަށް އޮތް ހިތްހަމަޖެހުމަކީ ގްރޭންޑް ސްލޭމް ފައިނަލެއްގައި އޭނާ ބަލިނުވުމުގެ ރެކޯޑް ދެމެހެއްޓުމެވެ. އޭނާ ވަނީ މީގެ ކުރިން 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލާއި 2019 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުން މޮޅުވެފަ އެވެ.
ރޭގެ މެޗު އޮސާކާ އަށް ހާއްސަވާ ސަބަބެއް އޭނާ ވަނީ މެޗަށް ފަހު އޮތް އިންޓަވިއުގައި ފާހަގަކޮށްފަ އެވެ.
"އަހަރެން ބޭނުމެއް ނޫން މާ ގިނަ ފައިނަލެއް އަޒަރެންކާއާ ދެކޮޅަށް ކުޅެން. މިއީ އަހަންނަށް ވަރަށް އުނދަގޫކޮށް ދިޔަ މެޗެއް. މިއީ އަހަންނަށް ވަރަށް އާދަޔާހިލާފު ތަޖުރިބާއެއް. މީގެ ކުރިން އަހަރެން މި މުބާރާތުގެ މެޗުތައް ބަލަން އައީ އަޒަރެންކާ އަށް ސަޕޯޓްކުރަން. އަޒަރެންކާގެ މެޗުތައް ބަލައިގެން އަހަރެން ވަރަށް ގިނަ ކަންތައްތައް ދަސްކުރިން. ޓެނިހަށް އޭނަ (އަޒަރެންކާ) ކޮށްދިން ހިދުމަތްތަކަށް އަހަރެން ޝުކުރުއަދާކުރަން،" އޮސާކާ ބުންޏެވެ.
އުމުރުން 31 އަހަރުގެ އަޒަރެންކާ މި ފަހަރުގެ ސެމީގައި ސެރީނާ އަތުން މޮޅުވިއިރު، މިއީ ގްރޭންޑްސްލޭމް މުބާރާތެއްގައި ސެރީނާ އަތުން އަޒަރެންކާ އަށް ލިބުނު ފުރަތަމަ މޮޅެވެ. ރޭގެ ކުރިން އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި އަޒަރެންކާ ނުކުތީ 2013 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ސެރީނާއާ ދެކޮޅަށެވެ. އެ މެޗުން ސެރީނާ އަތުން ބަލިވުމުގެ ބަދަލު މި ފަހަރުގެ ސެމީގައި ހިފުމުން އަޒަރެންކާ ފައިނަލަށް ނުކުތީ ވަރަށް އުއްމީދުގަ އެވެ.
"އަހަރެން ވަރަށް ބޮޑު އުއްމީދަކާ އެކު އައީ. އެކަމަކު އިދިކޮޅުގައި ހުރި އޮސާކާ ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަން،" އަޒަރެންކާ ބުންޏެވެ.
އަނިޔާގެ ސަބަބުންނާއި އާއިލީ މައްސަލަތަކެއްގެ ސަބަބުން އަޒަރެންކާ ފާއިތުވި އަހަރުތަކުގައި ގިނަ މުބާރާތްތަކުގައި ނުކުޅެ އެވެ. އެކަމަކު ފަހަކަށް އައިސް ގިނަ މުބާރާތްތަކުގައި އޭނާ އަންނަނީ ރަނގަޅު ވާދައެއް ކުރަމުންނެވެ. އަޒަރެންކާ މި ވަގުތު އޮތީ ދުނިޔޭގެ 14 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy