14 ސެޕްޓެމްބަރ 2020 - 09:47
ގްރޮނިންގެން (ސެޕްޓެމްބަރު 14) – ނެދަލެންޑްސްގެ ގްރޮނިންގެންގެ ވިންގާ އާޔެން ރޮބެން އަލުން ފުޓްބޯޅަ ކުޅެން ފަށައި ކުޅުނު ފުރަތަމަ މެޗުގެ 28 ވަނަ މިނެޓުގައި އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އާ ސީޒަނުގެ ނެދަލެންޑްސް ލީގުގައި ގްރޮނިންގެން ކުޅުނު ފުރަތަމަ މެޗުން ޕީއެސްވީ އަތުން 3-1 އިން ބަލިވީއިރު ރޮބެން އަށް ކުރިމަތިވީ އެއަށް ވުރެ ހިތްދަތިކަމާ އެވެ. ރޮބެން އަކީ އަނިޔާގެ ސަބަބުން ވަރަށް ގިނައިން ކުޅުމާ ދުރުގައި ހުންނަން ޖެހެ ކުޅުންތެރިއެކެވެ.
ރޮބެން 2018 ގެ ފަހުން ފުރަތަމަ ފަހަރަށް ކުޅުނު މެޗު ދެކިލާށާ އޭނާ އަށް މަރުހަބާ ކިޔަން ހަޔެއްކަ ހާސް ސަޕޯޓަރުން ދަނޑަށް ވަނެވެ. އެކަމަކު ރަނގަޅަށް ކުޅެލެވޭ ގޮތެއް ނުވެ ޖެހުނީ ފައިބާށެވެ. އަނިޔާގެ ތަފްސީލެއް އަދި ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ނޭގެ އެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަލުން ކުޅެން ފެށީ މޯޓިވޭޝަން ހުރުމުންނާއި ގްރޮނިންގެންގެ ޖާޒީގައި އަލުން ކުޅެލުމުގެ ހުވަފެން ދެކޭތީ ކަމަށް ބުނެ އެވެ.
ގްރޮނިންގެންގެ އެކަޑަމީން ތަމްރީންވި ރޮބެން އެ ކްލަބުގެ ސީނިއާ ޓީމުން 2000 ވަނަ އަހަރު ކެރިއަރު ފަށައި ދެ އަހަރު ކުޅެދިނެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ޕީއެސްވީ އާއި އިންގްލެންޑުގެ ޗެލްސީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ބަޔާން މިއުނިކުގަ އެވެ.
އެ ޓީމަށް 2009-2019 އަށް 309 މެޗު ކުޅެދީ، ޖަރުމަން ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް ކުޅުނުއިރު ޓީމުގައި ހިމެނުނު ރޮބެން ވަނީ ގައުމީ ޓީމަށް 96 މެޗު ކުޅެދީފަ އެވެ. ރޮބެން އަކީ ފަހަކަށް އައިސް ފެނުނު އެންމެ ހުނަރުވެރި އެއް ވިންގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy