ޖަރުމަނުގެ ގިންޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
11 އޮކްޓޯބަރ 2020 - 09:27
ކިއޭވް، ޔޫކްރެއިން (އޮކްޓޫބަރު 11) - ޔޫކްރޭން އަތުން ރަށުން ބޭރުގައި 1-2 އިން މޮޅުގެ ޖަރުމަނުން ޔުއެފާ ނޭޝަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނުން ނިންމާލީ މޮޅެއް ނުހޯދަ އެވެ. މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސްޕެއިނާ އެއްވަރުވިއިރު، ދެ ވަނަ މެޗުން ސްވިޒަލެންޑާ ވެސް ވީ އެއްވަރެވެ. އެކަމަކު ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ލީޑު ދެމެހެއްޓި އެވެ.
ރޭގެ މެޗު ފަށައިގެން 20 ވަނަ މިނިޓްގައި ޖަރުމަނަށް ލީޑުނަގައިދިނީ މަތިއަސް ގިންޓާ އެވެ. އޭނާ މި ގޯލު ޖެހީ އެންޓޯނިއޯ ރޫޑިގާ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފުގައި ޖަރުމަނުން ދެ ވަނަ ގޯލެއް ޖަހަން ސާޖް ގްނަބްރީ އާއި ޔޯސުއާ ކިމިޗް ފޮނުވާލި ބޯޅަތައް ޔޫކްރޭނުގެ ކީޕަރު ޖިއޯޖީ ބުޝްޗާން ވަނީ މަތަކޮށްފަ އެވެ. އެކަމަކު ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޖަރުމަނުން ލީޑުފުޅާކުރީ ބުޝްޗާން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބުޝްޗާން ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފައި ދޫވި ބޯޅަ ޖަރުމަނުގެ ލެއޯން ގޮރެޓްޒްކާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޔޫކްރޭނުން ޖެހި ހަމައެކަނި ގޯލު މެޗު ނިމެން 14 މިނިޓަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރުސްލާން މަލިނޯވްސްކީ އެވެ. މިއީ ޖަރުމަނުގެ ނިކްލަސް ސޫލާ އޭރިއާތެރެއިން ޔޫކްރޭންގެ ފޯވާޑް ރޯމަން ޔަރެމްޗުކް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ލިބުނު ފުރުސަތުތަކާ ބަލައި ގޯލު ޖެހުނު އަދަދު މަދުކަމަށެވެ.
މި ގްރޫޕްގެ އެއް ވަނައިގައި އޮތް ސްޕެއިން ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސްވިޒަލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. ސްޕެއިންގެ ހަމައެކަނި ގޯލު ޖެހީ ރެއާލް ސޮސިއެޑާޑްގެ ފޯވާޑް މިކޭލް އޮޔާޒަބާލް އެވެ. މި މެޗުގައި ސްޕެއިނާއި ސްވިޒަލެންޑަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް ބޭނުމެއްނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy