17 ނޮވެމްބަރ 2020 - 11:29
ލަންޑަން (ނޮވެމްބަރު 17) – ލިވަޕޫލާއި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އާޖެންޓީނާގެ ހަވިއާ މަޝެރާނޯ ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.
އާޖެންޓީނާގެ އެސްޓުންޑިއަންޓެސް އަށް ކުޅެމުން އައި ކުޅުންތެރިޔާ ބުނީ އާޖެންޓީނާގައި ކެރިއަރު ނިންމާލަން ފުރުސަތު ދިނީތިވެ އެ ކްލަބަށް ޝުކުރުއަދާކުރާ ކަމަށެވެ.
އާޖެންޓީނާގެ ރިވަ ޕްލޭޓުން 2003 ގައި ކެރިއަރު ފެށި މަޝެރާނޯ، 36، އޭގެ ފަހުން ބްރެޒިލްގެ ކޮރިންތިއަންސް އާއި އިންގްލެންޑުގެ ވެސްޓް ގޭމް ޔުނައިޓެޑަށް ކުޅުމަށް ފަހު ވިދާލީ ލިވަޕޫލުގަ އެވެ. އެ ޓީމަށް 2007-2010 އަށް ކުޅުނެވެ.
އޭގެ ފަހުން ބާސެލޯނާ އަށް ބަދަލުވެ އަށް އަހަރު ތެރޭގައި ސްޕެނިޝް ލީގު ފަސް ފަހަރު، ސްޕެނިޝް ކަޕް ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރި އެވެ. އޭގެ ފަހުން އާޖެންޓީނާ އަށް ބަދަލުވުމުގެ ކުރިން އޭނާ ޗައިނާގެ ހެބެއީ ފޯޗޫން އަށް ކުޅުނެވެ.
އާޖެންޓީނާ ގައުމީ ޓީމަށް 2003-2018 އަށް 147 މެޗު ކުޅުނު މަޝެރާނޯ ވަނީ އާޖެންޓީނާ އިން 2014 ގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މަޝެރާނޯ ރިޓަޔާކުރުމުން، އޭނާއާ އެކު ބާސެލޯނާ އަށް ކުޅުނު ލިއޮނަލް މެސީ އާއި އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް އާއި ޖެރާޑް ޕީކޭ އަދި ލުއިސް ސުއަރޭޒް ވަނީ އަލްވަދާއުގެ މެސެޖްތަކެއް ސޯޝަލް މީޑިއާގައި ލިޔެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy