05 ޖުލައި 2017 - 06:34
އަލަށް ވިދަމުން އަންނަ އެކްޓަރު ޓައިގާ ޝްރޮފްގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައި ވެ އެވެ. އެއީ އޭނާ ތައާރަފްވީ ފިލްމު "ހީރޯޕަންތީ" އާއި "ބާޣީ" އަދި "ފްލައިން ޖެޓް" އެވެ. މީގެ ތެރެއިން އެންމެ ފަހުން ރިލީޒްވި "ފްލައިން ޖެޓް" އަކީ ފްލޮޕެކެވެ. އެހެންވެ ހަތަރު ވަނަ ފިލްމު "މުންނާ މައިކަލް" ޖުލައި 21 ވަނަ ދުވަހު ރިލީޒްވާއިރު ޓައިގާ ހުރީ ވަރަށް ހިތް ނުތަނަވަސް ވެފަ އެވެ. ސަބަބަކީ އެންމެ ފަހު ފިލްމަށް ވީ ގޮތް މި ފިލްމަށް ވެސް ވެދާނެތީ އެވެ.
ޓައިގާ ބުނީ ފަހު ފިލްމު ނާކާމިޔާބުވެފައި ވާތީ މި ފަހަރުގެ ފިލްމު ހިޓަކަށް ވާން ވަރަށް ބޭނުން ކަމަށެވެ. އަދި "މުންނާ މައިކަލް" އަކީ އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ފިލްމެއް ކަން ވެސް ޓައިގާ ފާހަގަކުރި އެވެ.
"މުންނާ މައިކަލް"ގެ ބަތަލާއަކީ ނިދީ އަގަރްވާލް އެވެ. ނަވާޒުއްދީން ސިއްދީގީ ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެ އެވެ. އަދި ޓައިގާ އާ އެކު އޭނާ ނަށަން ދަސްކުރާ ވީޑިއޯއެއް ވެސް ދާދި ފަހުން ވަނީ ރިލީޒްކޮށްފަ އެވެ.
މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ޖޫން 5 ގައި ރިލީޒްކޮށްފައި ވާއިރު ފިލްމުގައި ޓައިގާ ކުޅެނީ "މުންނާ" ކިޔާ މަގުމަތީގައި ނަށާ ޒުވާނެއްގެ ރޯލެވެ. އޭނާ ބޭނުންވަނީ އެއް ދުވަހަކުން މައިކަލް ޖެކްސަން ކަހަލަ ނެށުންތެރިއަކަށް ވާށެވެ. މި ދަތުރުގައި މުންނާއަށް ނަވާޒުއްދީންގެ ކެރެކްޓާ މަހެންދުރަ ފައުޖީއާ ބައްދަލުވެ އެވެ. ފައުޖީ އަކީ ގޭންގްސްޓާ އެކެވެ.
ފައުޖީ ބޭނުންވަނީ މުންނާ ކައިރިން ނަށަން ދަސްކުރާށެވެ. ފިލްމުގައި ފެނިގެން ދަނީ ފައުޖީ އަށް ނަށަން ދަސްކޮށްދޭން މުންނާ ކުރާ މަސައްކަތެވެ. ނިދީ އަގަރްވާލް މި ފިލްމުގައި ކުޅެނީ ޑޯލީ ކިޔާ ކެރެކްޓާ އެކެވެ. ޑޯލީ އަކީ ފިލްމީ ތަރިއަކަށް ވާން މަސައްކަތްކުރާ ޒުވާން އަންހެނެކެވެ.
"މުންނާ މައިކަލް" އަކީ ޓައިގާ ކުރިން ކުޅެފައިވާ "ހީރޯޕަންތީ އާއި "ބާޣީ"ގެ ޑައިރެކްޓަރު ސާބިރު ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޕްރޮޑިއުސަރަކީ ވިކީ ރަޖާނީ އެވެ. ސަނާ ސައީދާއި ރޯނިތު ރޯއީ ވެސް މި ފިލްމުގައި މުހިއްމު ކެރެކްޓާތަކެއް ކުޅެފައި ވެއެވެ.
މި ފިލްމުގެ ބައެއް ލަވަތައް ވެސް މިހާރު ރިލީޒްވެފައިވާއިރު ޓައިގާގެ ހުރި ނެށުމުގެ ހުނަރު މި ލަވަތަކުން ވަރަށް ބޮޑަށް ހާމަވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހުރަ
07 July 2017
އާނއެކެވެ.ވަރަށް ޖެލަސްވެއެވެ.އޭނާ މާރޝަލް އާރޓިސްޓް ޕްލަސް ޑާންސަރ އަކަށްވީމައެވެ.
ސަޅި
05 July 2017
ހަމަ ރިތިކް ކަހަލަ ސްތައިލ އެއްދޯ؟
ޚުރު
05 July 2017
ކުރުވާހަކަ އެއްތަ؟