"މުންނާ މައިކަލް"ގެ ނެށުމެއްގައި ޓައިގާ ޝްރޮފް
23 ޖުލައި 2017 - 06:27
ހުކުރު ދުވަހު ރިލީޒްކޮށްފައިވާ، ޓައިގާ ޝްރޮފް އާއި ނިދީ އަގަރްވާލްގެ "މުންނާ މައިކަލް" ފާޑުކިޔުންތެރިންނަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ގިނަ ރިވިއުތަކުގައި މި ފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން ދެ ތަރި އެވެ. ފިލްމުގެ ފޫނުބެދޭ ވަރަށް ގިނަ ތަންތަން ހުރި ކަމަށާއި ވަރަށް ފޫހި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ނަމަވެސް ޓައިގާ ޝްރޮފްގެ ނެށުމާއި އެކްޝަން ކަމުދާ މީހުންނަށް މި ފިލްމު ވަރަށް ރީއްޗެވެ. އަދި ޓައިގާގެ ފޭނުން ގިނަ ކަމުން ފިލްމު ބަލަން ސިނަމާތަކަށް މީހުން ވަންނަލެއް މަދެއް ވެސް ނޫނެވެ. ޓައިގާ އާއި ނަވާޒުއްދީން ސިއްދީގީގެ ކެމިސްޓްރީ ވެސް ވަރަށް ރަނގަޅު ކަަމަށް ފިލްމުު ރީތިކަމަށް ބުނާ މީހުން ބުނެ އެވެ.
ފުރަތަމަ ދުވަހު "މުންނާ މައިކަލް" އަށް ވަނީ 6.65 ކްރޯޑު (66 މިލިއަން ރުޕީސް) ލިބިފަ އެވެ. މިއީ ކުޑަ ބަޖެޓު ފިލްމަކާ ބަލާއިރު ފުދޭ ވަރެއްގެ ރަނގަޅު އަދަދެކެވެ.
ޓްރޭޑް އެނަލިސްޓް އަކްޝޭ ރާތީ ބުނި ގޮތުގައި ފިލްމުގައި ހަމަނުޖެހޭ ކަންތައްތައް ގިނަ ނަމަވެސް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދާނެކަމަށް މިހާރު ލަފާ ކުރެވެ އެވެ. ޓައިގާ ދެކެ ލޯބިވާ މީހުން މިފިލްމު ބަލާފައި މާޔޫސްވާން ނުޖެހޭނެކަމަށް އޭނާވެސް ބުންޏެވެ.
ފިލްމުގެ ޑައިރެކްޓަރު ސައްބީރް ޚާން އަކީ "ބާޣީ" ފަދަ ބެލުންތެރިން މުނިފޫހިފިލާ ޒާތުގެ ފިލްމުތައް އުފައްދާ މީހަކަށް ވާތީ އޭނާ އުފައްދާ ކަހަލަ ފިލްމުތައް ކަމުދާ މީހުންނަށް މި ފިލްމު ވެސް ކަމުދާނެކަމަށް ބެލެވެ އެވެ. މި ފިލްމުގެ އޮތް އަނެއް ޕްލަސް ޕޮއިންޓަކީ ލަވަތައް ރީތި ވުމެވެ.
ޓްރޭޑް އެނަލިސްޓް ބުނާ ގޮތުގައި މި ފިލްމު އިންޑީޔާގެ އެކި ކަންކޮޅުތަކުގެ 1400 ސްކްރީނެއްގައި ރިލީޒްކޮށްފައިވާއިރު ޖުމްލަކޮށް ހުރިހާ ސިނަމާތަކަކަށް ވެސް ފުދޭ ވަރަކަށް މީހުން ވަދެ އެވެ. ހަފުތާ ބަންދާއެކު 18-25 ކްރޯޑު (1.8-2.5 ބިލިއަން) މި ފިލްމަށް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy