ސަނީ އާއި ވެބާ އެޑަޕްޓް ކިރި އަންހެން ކުއްޖާއާ އެކު.
09 އޯގަސްޓް 2017 - 07:06
ބޮލީވުޑަށް ނިކުތްތާ އަދި މާ ގިނަ ދުވަހެއް ނުވިޔަސް، މަޝްހޫރު ބަތަލާ ސަނީ ލިއޯނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗްކޮށްފި އެވެ.
"ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ތައާރަފުވި ބަތަލާގެ ފިލްމް ކުންފުންޏެއް އުފައްދާފައި މި ވަނީ ފިރިމީހާ ޑެނިއަލް ވެބާއާ ގުޅިގެންނެވެ. އެ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ ސަން ސިޓީ މީޑިއާ އެންޑް އެންޓަޓައިމަންޓް އެވެ.
އެ މީހުންގެ ފުރަތަމަ އުފެއްދުމަކަށްވީ ސަނީ ފެނިގެންދާ ކޮމާޝަލް އެޑެކެވެ.
މިކަމާ ބެހޭ ގޮތުން ސަނީ، 36، ބުނީ އަމިއްލަ ފިލްމް ކުންފުންޏެއް އުފެއްދުމުގެ ހިޔާލު އޭނާ އާއި ފިރިމީހާ ގެންގުޅޭތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެހެންވެ ކުރި މަގުގައި އެ ކުންފުނި ވެގެންދާނީ ބެލުންތެރިންނަށް ފިލްމްތަކާއި ޓީވީ އިޝްތިހާރު ފަދަ ކްރިއޭޓިވް އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ޕްރޮޑަކްޝަން ހައުސްއަކަށެވެ.
ސަނީ ޕްރޮޑިއުސަރުގެ ތޮފި އެޅި އިރު، ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އަނުޝްކާ ޝަރްމާއަކީ ވެސް އަމިއްލަ ފިލްމް ކުންފުނިތަކެއް ހިންގަމުން އަންނަ ދެ ޕްރޮޑިއުސަރުންނެވެ.
ސަނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ އެކެއްގައި ރިލީޒް ކުރާ މިލަން ލުތުރިއާގެ "ބާދްޝާހޯ" ގެ ހާއްސަ ލަވައަކުންނެވެ. އެ ލަވައިގައި އޭނާ ފެންނާނީ އިމްރާން ހާޝިމީއާ އެކުގަ އެވެ.
ސަނީ ދާދި ފަހުން ވަނީ އަންހެން ކުއްޖަކު އެޑަޕްޓް ވެސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy