ހިސާބު އިލްމުގެ މާހިރެއް ކަމަށްވާ އާނަންދް ކުމާރު (ކ) އާއި ރިތިކް (ވ) ބައްދަލު ކުރަނީ: ރިތިކް ވަނީ އާނަންދްގެ ބައޮޕިކް ކުޅެދޭން އެއްބަސްވެފައި
27 ސެޕްޓެމްބަރ 2017 - 06:13
ވިކާސް ބާލްގެ "ސުޕަ 30" ރިތިކް ރޯޝަން ކުޅޭނޭކަން ޔަގީން ވެއްޖެ އެވެ. ރިތިކް މި ފިލްމު ކުޅެފާނެތޯ ސުވާލު އުފައްދާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު ރިތިކް ފިލްމު ކުޅެން އެއްބަސްވެފައިވާކަން ޔަގީން ވެއްޖެކަމަށް އިންޑިއާގެ މީޑިއާ އިން ބުނެ އެވެ.
"ސުޕަ 30" އަކީ ހިސާބު އިލްމަށް އަރާހުރި ޖީނިއަސް އެއް ކަމަށްވާ އާނަންދް ކުމާރުގެ ބައޮޕިކް އެކެވެ. މި ފިލްމުގައި އާނަންދްގެ ހަޔާތުގެ ވަރަށް މުހިއްމު 17 އަހަރު ދުވަހުގެ ހާދިސާތަކެއް ދައްކުވައިދޭނެ އެވެ.
މި ފިލްމު ކުޅެން ތައްޔާރުވުމުގެ ގޮތުން އާނަންދާއި ރިތިކް ވަނީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި ރިތިކް މި ފިލްމު ކުޅެދޭން އެއްބަސްވީ އާނަންދާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ކަމަށް ޚަަބަރުތައް ބުނެ އެވެ.
މި ފިލްމުގެ އިތުރުން "ކްރިޝް 4" ކުޅުމަށް ވެސް ރިތިކް ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ބުންޏެވެ.
ރިތިކް މި ފިލްމުގައި އަދާކުރަނީ ޑަބަލް ރޯލް ކަމަށާއި ރަނގަޅު ބަޔާއި ނުބައިބައި ވެސް ކުޅެނީ އޭނާ ކަމަށްވެ އެވެ. ނަމަވެސް ރާކޭޝް ރޯޝަން މި ވާހަކަ ޔަގީންކޮށެއް ނުދެ އެވެ. އޭނާ ބުނީ "ކްރިޝް"ގެ ޓީމުން ވަރަށް ބުރަކޮށް އެ ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި "ކްރިޝް" ކަހަލަ ފިލްމެއްގެ ވާހަކަ ލިޔުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy