ކެޓެރީނާ މަރީނޯ ހިންދީ ފިލްމެއްގެ ލަވައެއް ކުޅެވޭތީ އުފަލުން
02 އޯގަސްޓް 2016 - 06:44
އިޓަލީގެ ބަތަލާ ކެޓެރީނާ މަރީނޯ މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ފިލްމަކީ ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ކެސީނޯ ރޮޔާލް" ނަމަވެސް ބޮލީވުޑް ފިލްމެއްގައި ލަވައަކަށް ނަށާލުމަކީ އޭނާ ދެކޭ އެއް ހުވަފެނެވެ.
ކުރީގެ ބޮންޑް ގާލްގެ ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ރާޖީވް ކަންޑެލްވާލް އާއި ގޯހަރް ޚާން ލީޑް ރޯލުކުޅެފައިވާ "ފީވާ"ގެ ލަވައަކަށް ނެށުމެއް ހުށަހެޅުމުގެ ފުރުސަތު ކެޓެރީނާއަށް މިހާރު ވަނީ ލިބިފަ އެވެ.
ކެޓެރީނާ ބުނި ގޮތުގައި "ފީވާ"ގެ ޑައިރެކްޓަރު ރަޖީވް ޖަވޭރީ އަށް އޭނާ ނަށަން ވަރަށް ޝައުގުވެރިވާކަން އެނގިގެން ފިލްމުން އެފަދަ ފުރުސަތެއް އޭނާއަށް ހޯދައިދިނީ އެވެ.
އޭނާ ބުނީ އެމީހުންނަށް ބޮލީވުޑް ފިލްމުތަކަކީ ހަމައެކަނި ނެށުމާއި ސަގާފީ އަދި ތާރީޚީ ކަންތައްތައް ދައްކުވައިދޭ ފިލްމުތަކެއް ކަމަށް ހީވިޔަސް އެއަށް ވުރެ މާ ފެންވަރު ރަނގަޅު ފިލްމުތައް މިހާރު އުފައްދާ ކަމަށެވެ.
އެގޮތުން އޭނާ ބައިވެރިވާ "ފީވާ" އަކީ ވެސް ބައިނަލްއަގުވާމީ ފިލްމުތަކާ ވާދަކުރެވޭ ވަރުގެ ސަސްޕެންސް ތުރިލާއެއް ކަމަށް ކެޓެރީނާ ބުނެފައިވެ އެވެ. މި ފިލްމުގައި ރަޖީވް އާއި ގޯހަރްގެ އިތުރުން އިނގިރޭސި ވިލާތުގެ ބަތަލާ ގެމާ އެޓިކްސަން ވެސް މުހިއްމު ބައެއް ކުޅެ އެވެ.
ކެޓެރީނާ، 38، ބުނީ ބޮލީވުޑް ފިލްމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށާއި އެ ފުރުސަތު ލިބުނީ އޭނާ ކުޅުނު ޖޭމްސް ބޮންޑް ފިލްމުގެ ސަބަބުން ކަމަށެވެ. ރަޖީވް އަށް ޖޭމްސް ބޮންޑު ފިލްމުން ކެޓެރީނާ ފެނިގެން "ފީވާ"ގައި ބައިވެރިވާން އެދުނީ ކަމަށް ވެސް ކެޓެރީނާ ބުންޏެވެ.
އެހާ ގިނަ ބޮލީވުޑް ފިލްމު ނުބަލާ ކަމަށް ކެޓެރީނާ އެއްބަސްވި ނަމަވެސް އޭނާ ބުނީ އިޓަލީ މީހުންނަށް އެހެން ހުރިހާ ސުޕަސްޓާރުންނަށް ވުރެ މަގުބޫލު އެކްޓަރަކީ ކަބީރް ބޭދީ ކަމަށާއި އޭނާއާ ހެދި އެމީހުން ތިބެނީ މޮޔަވެފައި ކަމަށެވެ.
"އަހަރެން ޖޯދާ އަކްބަރު، ދޭވްދާސް، ސަލާމް ބޮމްބޭ ބެލިން. އައިޝްވަރިޔާ ރާއީ އަކީ އަޖައިބެއް ފަދަ ރީތި ބަތަލާއެއް. އަދި ރިތިކް ރޯޝަންގެ ޕާފޯމަންސް އަހަންނަށް ވަރަށް ކަމުދޭ. ނަމަވެސް އަހަރެމެން އިޓަލީ މީހުންނަށް ކަބީރް ބޭދީ އަކީ އެހެން ހުރިހާ ތަރިންނަށް ވުރެ ވެސް ބޮޑު ތަރިއެއް. ހިންދީ ފިލްމުތަކުގައި މަސައްކަތްކުރާ މަޝްހޫރު ގިނަ ތަރިން އަހަރެމެންނަކަށް ނޭނގޭ،" ކެޓެރީނާ ބުނެފައިވެ އެވެ.
"ފީވާ"ގެ ބަތަލު ރަޖީވް ކަންޑެލްވާލް އަށް ވެސް ކެޓުރީނާ ތައުރީފު ކުރި އެވެ. އޭނާ ބުނި ގޮތުގައި ރަޖީވް އަކީ އާދަޔާޚިލާފު މޮޅު އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy