ކާތިކް.
15 މާޗް 2020 - 07:36
ކާމިޔާބު މީހެއް ކަމަށް ސީރިއަސްކޮށް ދެކެން ފަށާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ޒޯޔާ އަޚްތަރާ އެކު މަސައްކަތްކުރަން ލިބުނު ދުވަހަކުން ކަމަށް ޒުވާން އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް ބުނީ ބަންސާލީ އާއި ޒޯޔާ އަކީ އޭނާ އެކީގައި އެންމެ މަސައްކަތްކޮށްލަން ބޭނުންވާ ޑައިރެކްޓަރުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ނަންތައް ކަމަށެވެ.
ޒޯޔާ އަކީ އިންޑިއާ އިން މި އަހަރު އޮސްކާ އަށް ފޮނުވި "ގަލީ ބޯއި" ގެ ޑައިރެކްޓަރެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ރާމް-ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ޕަދުމާވަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ބަންސާލީ އަކީ އިންޑިއާގެ އެންމެ މޮޅު އެއް ޑައިރެކްޓަރެވެ.
ކާތިކް ބުނިގޮތުގައި އޭނާގެ ކާމިޔާބީ ސިފަކުރަން ބޭނުން ވަނީ ބަންސާލީ އާއި ޒޯޔާގެ ނަން ހިމަނައިގެންނެވެ.
ޒޯޔާ.
"އެ ދެ މީހުންގެ ފިލްމުތަކެއްގައި މަސައްކަތްކޮށްލަން ލިބުނު އިރަކުން، އަހަރެން ކާމިޔާބީ ސީރިއަސްކޮށް ނަގާނީ. ވަރަށް ބޮޑު ހުވަފަނެއް ބަންސާލީ އާއި ޒޯޔާގެ ފިލްމުތަކަކުން ފުރުސަތު ލިބުމަކީ." އޭނާ ބުންޏެވެ.
މިދިޔަ މަހު ރިލީޒްކުރި "ލަވް އާޖް ކަލް" ގެ ބަތަލު ބުނީ އޭނާ ކާމިޔާބީ މިހާތަނަށް އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ. އެކަމަކު އަބަދު ވެސް ބޭނުން ވަނީ ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމުތަކެއް ކުޅެގެން، ވަރަށް ކާމިޔާބު އެކްޓަރަކަށްވާން ކަމަށް ބުންޏެވެ.
ދާދި ފަހުން ބައެއް މީޑިއާތަކުން ވަނީ ބަންސާލީގެ ފިލްމެއް ކާތިކަށް ހުށަހެޅިކަމުގެ ވާހަކަތަކެއް ވެސް ފަތުރައިފަ އެވެ. އަދި އާލިއާ ބަޓާ އެކު ބަންސާލީ މިހާރު ހަދަމުން އަންނަ "ގަންގްބާއި ކަތިއަވާޅީ" ގެ ރޯލެއް ވެސް ކާތިކަށް ހުށަހެޅި ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރި ކަމަކަށް މިހާތަނަށް ސާބިތެއް ނުވެ އެވެ.
ބަންސާލީ.
ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ޕިޔާރު ކާ ޕަންޗްނާމާ" އިން ބޮލީވުޑަށް ތައާރަފުވި ތައާރަފުވި ކާތިކް، 29، ގެ އެންމެ ކާމިޔާބު ފިލްމަކީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެެ. އޭނާ އަށް ގިނަ ފުރުސަތުތައް ލިބެން ފެށީ ވެސް އެ ފިލްމަށް ފަހު އެވެ.
ކާތިކް މި ވަގުތު އަންނަނީ "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ ފިލްމަކަށް ވެސް އޭނާ މިހާރު ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy