އާ ރަންވޭގެ ބިން ހިއްކުުން ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ: އެމްއޭސީއެލް

ރާއްޖޭގެ މައި އެއާޕޯޓުގައި އާ ރަންވޭއެއް އަޅަން ބިން ހިއްކުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.


އެއާޕޯޓުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި 25 ގަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ. އެ ގޮތުން، ހުޅުމާލެ އަށް ވަންނަން ކުރިން ބޭނުންކުރި ނެރާ ހަމަ އަށް މިހާރު ހިއްކާފައިވާ ކަމަށާއި ހިއްކި ސަރަހައްދުގެ ފަސްގަނޑު ވަރުގަދަކުރުމާއި އެހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވަނީ، އާދިލް ވިދާޅުވި ގޮތުގައި، އެއާޕޯޓަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައިފަ އެވެ. އޭނާ ވިދާޅުވީ މަސައްކަތް އަވަސް ކުރަން ދެ ޑްރެޖަރަކުން 24 ގަޑިއިރު ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"އަންނަ މަހު ނޫނީ އެންމެ ލަސްވެގެން ވެސް ފެބްރުއަރީ މަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި ބިން ހިއްކައި ނިމޭނެ އެވެ. އަދި އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭ އެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓް ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

އާ ރަންވޭ އެޅުން ހިމެނެނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގަ އެވެ. އާ ރަންވޭގެ އިތުރުން، އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް، ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ހަވާލު ކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ.