ފާއިތުވި ދެ އަހަރު ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1.6 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމުންގެ މީހަކު ހޯދި އެ މައުލޫމާތުތައް ދައްކާ ގޮތުން، އޭގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން 2020 ވަނަ އަހަރު ފަސްކޮށްދިން ކުލީގެ ބައެއް ވެސް ހިމެނެ އެވެ.

މީރާއިން ދީފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރު ލިބެން ޖެހޭ ކުލީގެ ތެރެއިން 480.1 މިލިއަން ރުފިޔާ މިހާތަނަށް ދައުލަތަށް އޮތީ ނުލިބި އެވެ. މީގެ ތެރޭގައި އެ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބެން ޖެހޭ 220.9 މިލިއަން ރުފިޔާ އާއި ދެވަނަ ކުއާޓާގައި ލިބެން ޖެހޭ 259.3 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ރިސޯޓުތަކުން ނުދައްކާ ހުރީ 996.15 މިލިއަން ރުފިޔާ އެވެ. އެއީ ފުރަތަމަ ކުއާޓާގެ 231.8 މިލިއަން ރުފިޔާ އާއި ދެވަނަ ކުއާޓާގެ 234.45 މިލިއަން ރުފިޔާ އާއި ތިން ވަނަ ކުއާޓާގެ 265 މިލިއަން ރުފިޔާ އަދި ހަތަރު ވަނަ ކުއާޓާގައި ލިބެން ޖެހޭ 264.9 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ލިބެން ޖެހޭ 137.3 މިލިއަން ރުފިޔާ ވެސް ދައުލަތަކަށް ނުލިބެ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ސަރުކާރުން ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނޭ ކުއްޔެވެ.

ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު މީރާއިން ހާމަ ކުރި ނަމަވެސް ކުލި ނުދައްކާ ރިސޯޓުތައް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރިސޯޓް ކުލީގެ ގޮތުގައި މިދިޔަ އަހަރު އެ އިދާރާ އަށް ވަނީ 1.76 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި 2020 ވަނަ އަހަރު ލިބުނީ 702.97 މިލިއަން ރުފިޔާ އެވެ.