މި ދުވަސްވަރު ސްކޭމް ކޯލުތައް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނޭ. ފޮޓޯ: ބީއެމްއެލް
15 އޯގަސްޓް 2022 - 11:25
އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރު ވާތީ، ޒާތީ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން އަނެއްކާ ވެސް އިލްތިމާސްކޮށްފި އެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ ބީއެމްއެލްއިން ތަކުރާރުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދަނީ އެދެމުންނެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން އެފަދަ މީހުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީމެއިލް އެޑްރެހާއި ފޯނަށް އަންނަ ޓޫ ފެކްޓާ އޮތެންޓިކޭޝަން ކޯޑާއި އޯޓީޕީ ވެސް ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އީމެއިލް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެ ފަދަ މައްސަލަތަކުގައި ކަސްޓަމަރުން އީމެއިލް އަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ކަސްޓަމަރުން ބައެއް ފަހަރު އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތްވެސް ކޮށްފައި ހުންނަކަން ކަމަށާ އެފަދަ ފަރާތްތަކާ މެދު ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އެދިފަ އެވެ.
ބީއެމްއެލްއިން ބުނީ އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންނަކީ ވަރަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވާހަކަ ދައްކާނެ ބައެއް ކަމަށެވެ. ނަމަވެސް އެއްވެސް އިދާރާއެއްގެ ނަމުގައި އިންޓަނެޓް ބޭންކިންއަށް ވަނުމަށް ބޭނުންކުރާ މައުލޫމާތުތަކާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލްގެ އިތުރުން އެއްވެސް ކޯޑެއް ހޯދުމަށް ނުގުޅާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާލުސިން
15 August 2022
ބޭންކުގައި ތިބޭ މީހުންނަށް ތިކަން ކިޔައިދިނުްނ މުހިއްމު . އެކަމާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުން މުހިެްމު. ތިތަނގައި އެއްވެސް މައުލޫމާތެއް ރައްކާތެރިއެއްނޫން.
ޒަހަރު
15 August 2022
ޒާތީ މަޢުލޫމާތު އެކަނި ނޫން. ބޭންކުގެ މުވައްޒަފުން އެތެރެއިން ކުރާ ވައްކަން ވެސް ހުއްޓިގެން މިކަން އިސްލާޙްވާނީ
އެމްސް
15 August 2022
މިޤައުމުގެ އާބާދީއާއި ދާދި އެއްވަރަށް ބިދޭސީން މިޤައުމުގަ އެބަތިބި، އޭގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާވެސް އެބަ އޮތް! ވަޒީފާ ނެތީ ދިވެހިންނަށް! ބޯހިޔާވަހިކަމަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ ބިދޭސީން! ވިޔަފާރިވެސް އެހާ ދަށްވެގެން އުޅެނީ ހުރިހާ ބިދޭސީން މައްޗަށް މަހަކު މިޤައުމުން ބޭރުވާ އެތައްސަތޭކަ މިލިޔަން ޑޮލަރަކާއި ހުރެ! އަންއެމްޕްލޯއިމެންޓް މަތިވާވަރަކަށް ކުށްކުރުން އިތުރުވާނެ! ތިޔަހިނގަނީވެސް އޭގެ ކަމެއް!
ސަސ
15 August 2022
އެކި އެކި ނަންނަމުގަ ގުޅާ މީހުންނަށް މަގޭ އެކައުންޓަށް ރުފިޔާ ކޮޅެއް ޖަމާވިކަން ނޫނީ ގިނަ އަދަދަކަށް ފައިސާ ހުރިކަން އެނގެނީ ކިހިނެތް؟ ބޭންކުގަ އުޅޭ ބަޔަކާ ގުޅުން އޮތް ކަމެއްކަމަށް ފެންނަނީ