އެމްޓީސީސީގެ އިސްވެރިންގެ އެލަވަންސް މިމަހުން ފެށިގެން ބޮޑުކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމުމުން އެކަން ނުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން އެ ކުންފުންޏަށް އަންގައިފި އެވެ.
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެމްޓީސީސީގެ އެންމެ އިސްވެރިންގެ އެލަވަންސް ބޮޑުނުކުރަން އެންގި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި އެ ކުންފުނިން ޖަވާބެއް ނުދޭ ކަމަށެވެ.
"އަޅުގަނޑުމެންވާނީ އަންގާފައި އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ބޯޑުން ނިންމި ނިންމުން ބާތިލުކުރަން. އަދި އެކަން ކުރަން ޖެހޭނީ ޕީސީބީގެ ހުއްދަ ލިބިގެން ކަމަށް،" ނިޒާރު ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ ސީއީއޯ ހިމެނޭ ގޮތަށް އެންމެ އިސްވެރިންގެ އެލަވަންސް ބޮޑުކުރަން ޑިރެކްޓަރުން ފާސްކުރީ މިމަހުގެ ކުރީކޮޅު އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވީ އެލަވަންސް ބޮޑުކުރަން ބޯޑުން ނިންމި ނިންމުން ތަންފީޒުނުކުރަން ޕީސީބީން އަންގާފައިވާ ކަމަށެވެ. އަދި އެ އެގޮތަށް އެންގުމުގެ ކުރިން އެކަން ތަންފީޒުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެނޭޖްމަންޓް ލެވެލްގައި ހަރަކާތްތެރިވާ ބޭފުޅުންގެ އެލަވަންސް ބޮޑުކުރަން އުޅޭތާ ތިން އަހަރެއްހާ ދުވަސްވެއްޖެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން ނުކުރެވިފައި އޮތީ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލަވަންސް ބޮޑުކުރި ނިސްބަތް ހަތަރު ޕަސެންޓަށް ވެސް ނާރާ ކަމަށެވެ.
އެމްޓީސީސީގެ އެގްޒެކްޓިވް ލެވެލްގައި ގާތްގަނޑަކަށް 30 ވަރަކަށް މުވައްޒަފުން ހަރަކާތްތެރިވެ އެވެ.