އަޖިއަލް އިންޓަނޭޝަނަލްގެ ދަރިވަރުންތަކެއް.
24 މާޗް 2025 - 12:33
ހުޅުމާލޭގައި ހުންނަ އަޖިއަލް އިންޓަނޭޝަނަލް ސްކޫލުން އެޑްމިޝަންއަށް ހުޅުވާލައިފި އެވެ.
އެ ސްކޫލުން އެޑްމިޝަންއަށް ހުޅުވާލާފައި ވަނީ ޕްރީކޭ އިން ފެށިގެން ގްރޭޑް ހަތަރަކާ ހަމައަށެވެ.
އެ ސްކޫލުގައި ދިވެހި، އަރަބި އަދި އިނގެރޭސި މީޑިއަމްއަށް ކިޔަވައިދެ އެވެ. އެ ސްކޫލަކީ ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމެއް އިސްލާމީ ހަމަތަކާއި އުސޫލުތަކުގެ ދަށުން ހޯދައިދޭނެ ސްކޫލެއް ކަމަށް އަޖިއަލް އިން ބުނެ އެވެ. އަޖިއަލްއިން ބުނީ އެ ސްކޫލުން އިސްލާމީ ސަގާފަތާ ގުޅޭ ގޮތަށް ހުޅަނގުގެ ތައުލީމީ ފެންވަރަށް ކިޔަވައިދިނުން ބައްޓަންކޮށްފައިވާނެ ކަމަށެވެ.
އެ ސްކޫލުން ދަރިވަރުން ތައުލީމީ ގޮތުން ކުރިއެރުން ހޯދައިދިނުމުގެ ގޮތުން ކޮންމެ ދަރިވަރެއްގެ ވެސް ކިޔެވުމާއި ދަސްކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަނެ، ކޮންމެ ދަރިވަރަކާ ވެސް ގުޅޭ ގޮތަށް ކިޔަވައިދިނުމުގެ އެކި އުކުޅުތަކާއި ސްޓްރެޓިޖީތަކާ އެކު ކިޔަވައިދިނުން ބައްޓަން ކުރާނެ ކަމަށް އަޖިއަލް އިން ބުންޏެވެ. އަދި އެ ސްކޫލަކީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމުގެ އިތުރުން، އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ތަރައްގީއަށް މަސައްކަތް ކުރާނެ ސްކޫލެއް ކަމަށް ވެސް ބުންޏެވެ.
އަޖިއަލް އިންޓަނޭޝަލްގައި ހުންނަ ޕޫލް
އަޖިއަލް އިންޓަނޭޝަނަލް ސްކޫލަކީ ގިނަ ވަސީލަތްތަކާއި އެކު ގާއިމުކޮށްފައިވާ ސްކޫލެކެވެ. އެގޮތުން، އެ ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ޖާގަ ތަނަވަސް 41 ކްލާސްރޫމު ހުރެ އެވެ. އަދި އެޑްވާންސްޑް ސައިންޓިފިކް ޓޫލްތަކާއި އިކުއިޕްމަންޓުތައް ހިމެނޭ ސައިންސް ލެބަކާއި ހައިޓެކް ކޮމްޕިއުޓަރާއި 200 ކުދިންގެ ޖާގައިގެ، ސައުންޑް ސިސްޓަމާއި އެކު ގާއިމުކޮށްފައިވާ ތިއޭޓަރެއް ވެސް ހުރެ އެވެ. އޭގެ އިތުރުން އެ ސްކޫލުގައި 80 ކުދިންގެ ޖާގައިގެ މަލްޓި ލެވަލް ސިނަމާއަކާއި އެންޓި ޝޮކް ރަބާ ފްލޯރިންއާ އެކު ހަދާފައިވާ ސްޕޯޓްސް ރޫމަކާއި ސުިމިން ޕޫލްއަކާއި ހަތަރު ޕްލޭގްރައުންޑު ހުރެ އެވެ. އެ ސްކޫލުގައި ބާސްކެޓް ބޯޅަ އާއި ވޮލީބޯޅަ އަދި ފުޓުބޯޅައަށް ހާއްސަ ވަކި ދަނޑުތަކެއް ހުރެ އެވެ. އަދި އެ ސްކޫލުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ނަމާދުކުރުމަށް ހާއްސަ ކޮޓަރި ވެސް ހުރެ އެވެ.
އަޖިއަލް އިންޓަނޭޝަނަލް އަކީ ކުވައިތުގެ ސްކޫލެކެވެ. އެ ސްކޫލުގެ އަމާޒަކީ ރާއްޖޭގެ ސަގާފަތާއި އިސްލާމީ އުސޫލުތަކާއި ގުޅޭ ތައުލީމަކާއި އެކު މުޖުތަމައުއަށް ފައިދާކުރަނިވި، އިލްމީ ގާބިލު، ދީނީ ދަރިވަރުންތަކެއް ބިނާކުރުމުވެ.
އަޖިއަލް އިންޓަނޭޝަލް ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ އަހަރު އެވެ. މި ސްކޫލުގައި ގްރޭޑު 12އާ ހަމައަށް ކިޔަވައިދިނުމަށް ވަނީ ރާވާފަ އެވެ. އަޖިއަލް އިންޓަނޭޝަނަލްއިން ޕްރީކޭއިން ފެށިގެން ގްރޭޑު ހަތަރަކާއި ހަމައަށް ޖާގަ ހޯދުމަށް އެ ސްކޫލްގެ ވެބްސައިޓު ނުވަތަ 4000775 ނަމްބަރުން އިތުރު މައުލޫމާތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy