26 މާޗް 2025 - 13:37
އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ "ތްރީ ޖެނެރޭޝަން ވޯކް" އަންނަ މަހު ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.
އެ ހިނގާލުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ ހަރަކާތަކީ ދޮށީ އުމުރުގެ މީހުންނަށް އާއިލާތަކާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.
ޕެންޝަން އޮފީހުން ބުނީ އެ ހިނގާލުމަކީ ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަ، ކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ. އެ ހިނގާލުން ކުރިއަށްދާ ވަގުތު ސެންޓްރަލް ޕާކުގައި ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް އޮންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މި ހިނގާލުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހިނގާލުމުގައި ރަޖިސްޓްރީވެވޭނީ 3genwalk.pension.gov.mv ވެބްސައިޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy