27 އެޕްރީލް 2025 - 12:42
ބޭންކް އޮފް މޯލްޑިވްސް އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.
އެ ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރީގެ ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިން ލިބޭނެ އެވެ. ބީއެމްއެލްއިން ބުނީ އެ ފައިނޭންސިން ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 ޕަސެންޓުގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރަން ކަމަށެވެ. އަދި އެ ފައިނޭންސިންއާ އެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އާ މަގުތަކެއް ހުޅުވައިދޭނެ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ އެ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ހޯދައިދޭން ކަމަށެވެ.
ބީއެމްއެލްއިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްގީކުރުމުގެ ލޯނާއި ފައިނޭންސިން، އެސްއެމްއީ ފައިނޭންސިން، ޓްރޭޑް ފައިނޭންސް އަދި ވޯކިން ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy