ބީއެމްއެލް އިން އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ވޯޓު ލަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 މެއި 2025 - 21:31
ބީއެމްއެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ.
މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 5 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 55 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 296 މިލިއަން ރުފިޔާ ބަހާނެ އެވެ.
މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 269 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ވަނީ 481 މީހުން ބައިވެރިވެފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެކުންފުންޏަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކުރި އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވެ އެވެ.
މިރޭގެ ޖަލްސާގައި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް ކަނޑައެޅީ އާނަސްޓް އެންޑް ޔަންގް އެވެ. އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑުބޭ
29 May 2025
އާނަސްޓް އެންޑް ޔަންގް ޑޮކިއުމަންޓް ފޯޖްކުރުމުގެ މައްސަލައަށް ބަލާލުމުގެ ފެންވަރުވެސް ބީއެމްއެލްގަ ނެތީތަ؟
ބަޑިތަކުރު
29 May 2025
އަހަރު ދެބައިވެގެންދާއިރުވެސް ރައްޔިތުންގެ ކުންފުންޏަށްވެގެން އުޅޭ އެމްޓީސީސީ އިން އަދިވެސް ފައިދާ ބަހާނަމޭ ހިތަށްވެސް ނާރަނީބާވައެވެ. ދުރާލާ ކަންކަން ކުރުމުގެ ވިސްނުމެއް އާދައެއް ރާއްޖޭގައި ވަކިވަކި ފަރުދުންގެ ކިބައިގައިނެތްފަދައިން ބޮޑެތި ކުންފުނިތަކުގައިވެސް ހަމަނެތީބާވައެވެ. އެހެންނޫނީ ހަމަ އެސްޓީއޯއިން ހެދިހެން ޖަލްސާނިންމާފަ އައުމުގެ ކުރިން އެކައުންޓްތަކަށް ފައިދާ އެހެން ކުންފުނިތަކަށްވެސް ނުބެހެންވީ ސަބަބެއް ނެތެވެ.
2025
29 May 2025
ކަލޯ އަވަަހަށް ޖަމާކޮށްދީ...... ބޮއިހަލަކި