12 ޖޫން 2025 - 17:02
މާލެ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކް އޮފް މޯލްޑިވްސްއިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި އެކު ވީހާވެސް އަވަހަކަށް ކާޑު ހަވާލު ކުރުމަކީ އެ ބެންކުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަސްޓަމަރުންނަށް ކާޑު ޑެލިވާކުރަން ޖަހާފައިވާ މެއިލިން އެޑްރެހުގައި ކަސްޓަމަރު ދިރިނޫޅުން ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެއިލިން އެޑްރެސް އަޕްޑޭޓުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
" އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން. ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އިންޓާނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ކާޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް. ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ." ސައީދު ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި މިބަދަލު ގެނައި ނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުން ދާނީ ބީއެމްއެލްގެ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޒާނާ
13 June 2025
ކާޑު އެކްޓިވޭޓް ކުރުމުގެ ކުރިންވެސް ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ފެނުމުގެ ފުރުޞަތު އެބަ ލިބޭ، ކާޑު އެކްޓިވޭޓް ކުރީމާ، ދެން އެ މައުލޫމާތު ބޭނުން ކޮށްގެން އޮންލައިން ވިޔަފާރި ކުރެވޭނެ، ކުރިން އޮންނަ ގޮތުން އެ މައުލޫމާތު އޮންނަނީ ބޭންކާއިކަސްޓަމަރާއި ދެމެދު. މިހާރު މިވާގޮތުން ޕޯސްޓު އޮފީހުން ނުވަތަ އެ ކަމުގެ ތެރޭގައި ބައިވެރިވާ ފަރާތަކަށް ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ދެން ކަމެއްގޯސްވީމަ ބޭންކުން ކަސްޓަމަރުގެނޫނީ ޕޯސްޓްގެ އެ ޒިންމާއަޅުވާނީ،
އާލާ އިބްރާހީމް
13 June 2025
މާލެ ސަރަހައްދުގައި ދިރި އުޅުން ހަމަޖެހިފައިވާ ގޮތުން، ރެޖިސްޓްރީ ވެފައިވާ އެޑްރެހުގައި ގިނަ ވަގުތު ދިރިއުޅުވެނީ ވަރަށް މަދު ބަޔަކަށް، މަސައްކަތާއި ވަޒީފާގެ ގޮތުން އެ އެޑްރެހްގައި ވަރަށް ގިނަ ކަސްޓަމަރުން ނޫޅޭނެ، އެކަން ބޭންކަށް ވެސް އެނގި ހުރެ އެތައް ހާސް ކަސްޓަމަރުންނަށް ދޭން މިއުޅެނީ ވަރަށް ބޮޑު ގެއްލުމެއް، ބޭންކާއި ކަސްޓަމަރުގެ ދެމެދަށް ތިނެއް، ނުވަތަ ހަތަރުވަނަ ފަރާތެއް މަސްހުނި ކުރުވާ، ސެކުރިޓީ ރިސްކަކަށް ގަސްދުގައި ވައްޓާލަނީ.
އިބްރާ.
13 June 2025
ތި އުޅެނީ ރައްކާތެރި ކަމާއެކު ކާޑު ހަވާލުކުރާކަށް ނޫން، މިހާރު ކާޑު ބޭންކުން ކަސްޓަމަރުގެ އަތަށް ލިބިދޭ، އެއީ ކަސްޓަމަރު ބޭންކަށް ގޮސްގެން، ތިންވަނަ ފަރާތެއް އެދެމެދަަށް ނާދޭ. މިހާރު ތިއުޅެނީ ބޭންކުން ޕޯސްޓް އޮފީހަށް ކާޑު ދީފައޭ ކިޔާފަ ބޯދަމައިގަންނަށް، އޭރުން ކަމެއް ގޯސްވީމަ ބޭންކުން ޕޯސްޓްގެ ބޮލުގައި ނޫނީ ކަސްޓަމަރުގެ ބޮލުގައި އަޅުވާފައި ސަލާމަތްވާންވެގެން،