23 ޖޫން 2025 - 15:33
އުރީދޫ ނޭޝަން އިން ރާއްޖޭގައި ބާއްވާ ފުރަތަމަ އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފައިވާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ޓީމުތަކުން އަމިއްލަ ރަށުގައި ހުރެގެން ބައިވެރިވެވޭނެ އެވެ. މި ލީގުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ އުރީދޫ ނޭޝަންގެ ވެބްސައިޓުގައި ހުޅުވާލައިފަ އެވެ.
މި ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮންލައިން މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ސްޓޭޖެއް ހިމެނޭނެ އެވެ. އެއީ އައިލެންޑް ކޮލިފައިން ސްޓޭޖާއި ކުއާޓާ ފައިނަލްސް ސްޓޭޖު އަދި ސެމީ ފައިނަލްސް އާއި ގްރޭންޑް ފައިނަލްސް އެވެ.
މި ލީގަށް ޖުމްލަ ބައިލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ 25،000ރ. އާއި ދެ ވަނަ ޓީމަށް ހުށަހަޅާފައިވާ 12،000ރ. އާއި ތިން ވަނަ ޓީމަށް ހުށަހަޅާފައިވާ 6،000ރ. އާއި ހަތަރު ވަނަ ޓީމަށް ހުށަހަޅާފައިވާ 3،000ރ. އާއި މުބާރާތުގެ އެމްވީޕީއަށް ހުށަހަޅާފައިވާ 4،000ރ. އެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މަދުވެގެން ހަ ކުޅުންތެރިން ހިމެނޭ ޓީމުތަކަށެވެ. މުބާރާތުގައި އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބި ނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން ހިމަނަން ޖެހެ އެވެ. ބައިވެރިން ބޭނުންވާ ނަމަ ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ އެވެ. އުރީދޫން ބުނީ މި މުބާރާތުން ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީ ތަރައްގީކުރެވޭނެ ކަމަށެވެ. އަދި މިއީ އެ ކުންފުންނިން އިންކްލޫސިވް ޑިޖިޓަލް ސްޕޭސްއެއް ތަރައްގީކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބާއްވަން ނިންމި މުބާރާތެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy