ޕައިންޓްވޯކްސް އޮފީހުގެ އެތެރެ.
14 ޖުލައި 2025 - 11:06
ރާއްޖޭގެ ކުންފުނިތަކުން ޓެކްނޮލޮޖީއާ ރައްޓެހި މާހައުލެއް ބިނާކުރަން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ކުންފުނިތަކުގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ފެށި ދުވަސްވަރު, ކުންފުނިތަކަށް ބޭނުންވެފައިވާ އައިޓީ ސަޕޯޓު ދޭނެ ދިވެހި ކުންފުނިތައް މަދުވުމާއި, އެފަދަ މަސައްކަތްތައް ކުރުމަށް ދިވެހިންނަށް އިތުބާރުކުރެވޭނެ ކަމާ މެދު ސުވާލު އުފެދި, އެ މަސައްކަތްތައް ދިވެހި ކުންފުނިތަކަށް ދޭން ޖެހިލުންވި ކުންފުނިތައް ވެސް ތިއްބެވެ. ބޭރުގެ އެކި ކުންފުނިތަކުން އޭރު ބޭނުންވި އެކި ޓެކްނިލް ސަޕޯޓު ކުންފުނިތަކަށް ފޯރުކޮށްދިން ނަމަވެސް ގިނަ ކުންފުނިތަކެއްގެ ޝަކުވާއަކަށްވީ އެ ފަރާތްތަކަށް ދިވެހި މާކެޓު ނޭނގުމެވެ. އެކަމުގެ ސަބަބުން އިތުރު ދަތިތައް ކުރިމަތިވުމެވެ. ކުންފުނިތަކުގެ މިފަދަ އެކި ޝަކުވާތައް ގިނަވެފައި ވަނިކޮށް, ދިވެހި ކުންފުނިތަކަށް ބޭނުންވި ހިދުމަތްތައް ފޯރުކޮށްދެން ފެށި އެއް ކުންފުންޏަކީ ޕައި ނެޓްވޯކްސް އެވެ.
ރާއްޖޭގެ މާކެޓު ދިރާސާކޮށް, ރާއްޖެއަށް ބޭނުންވާ ހިދުމަތްތައް ދެނެގަނެ, ޕައި ނެޓްވޯކްސްގެ ޓީމުން 2011 ވަނަ އަހަރު މަސައްކަތް ފެށީ ދިވެހި ކުންފުނިތަކުގެ އިތުބާރު ހޯދުމަށެވެ. ދިވެހިންގެ ޓީމަކުން ބޭރު ދުނިޔޭގެ ސްޓޭންޑާޑްތަކާއި އެއް ހަމައެއްގައި ހިދުމަތްތައް ދޭން ފެށުންވީ ގިނަ ބައެއްގެ މެދުގައި ޕައި ނެޓްވޯކްސް މަގުބޫލުވި އެއް ސަބަބަށެވެ. މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގެ އެކި އެކި ހިދުމަތްތައް ދޭ އެކި ކުންފުނިތަކުން ޕައިނެޓްވޯކްސްއަށް އިތުބާރުކޮށް, އެކުންފުނިތަކުގެ އައިޓީ ސޮލިއުޝަންތައް ހޯދުމުގައި އެކުންފުނި ހިޔާރުކޮށްފައިވާ ސަބަބަކީ މިއީ އެވެ.
ޕައި ނެޓްވޯކްސްއިން އަންނަނީ އެކި އިދާރާތަކުން ފެށިގެން އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ބޭނުންވާ އެކި ބިޒްނަސް އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ޑިޕްލޯއިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެ ކުންފުނިން އަންނަނީ ވިޔަފާރިތަކާއި އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރަން ބޭނުންވާ ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓު ހެދުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނިން ދަނީ އޮޕަރޭޝަންތައް ޑިޖިޓަލައިޒްކުރުމާއި, ވިޔަފާރިގެ އެކި މަސައްކަތްތައް އޮޓަމޭޓުކޮށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައިދީ އެކި ފަރާތްތަކަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ވެސް ފޯރުކޮށްދެމުންނެވެ.
ޕައިކްރޮސޮފްޓް ޑައިނެމިކްސް ޕާޓްނަރުން ބާއްވާ ޑިރެކްޝަންސް ކޮންފަރެންސްގެ އޭޝިއާ ސަރަހައްދުގައި ބައިވެރިވި ޕައިނެޓްވޯކްސްގެ ޓީމު. ތައިލެންޑުގައި އޮތް މި ކޮންފަރެންސުގައި ޕައިނެޓްވޯސްއިން ބައިވެރިވީ ބްރޮންޒް ޕާޓްނަރުގެ ގޮތުގައި.
ޕައި ނެޓްވޯކްސްގެ މަސައްކަތްތަކުގެ ކޮލިޓީ އާއި ކުންފުންނީގައި ކަސްޓަމަރުން ތިބި އަދަދާއި ކުންފުނީގައި ތަމްރީނުތައް ފުރިހަމަކޮށް ދާއިރާގެ ގާބިލުކަން ހުރި މުވައްޒަފުންގެ އަދަދު ބެލުމަށް ފަހު މައިކްރޮސޮފްޓްއިން މިދިޔަ އަހަރު ވަނީ އެ ކުންފުންޏަށް މައިކްރޮސޮފްޓް ސޮލިއުޝަންސް ބިޒްނަސް އެޕްލިކޭޝަންގެ ޕާޓްނަރެއްގެ މަގާމު ދީފަ އެވެ. އަދި އެ މަގާމު ލިބުމަށް ފަހު ކުންފުންޏަށް އައިސްފައިވާ ތަރައްގީ އާއި ކުރިއެރުމަށް ބެލުމަށް ފަހު, ސްމޯލް އެންޑް މިޑްމާކެޓް ސްޕެޝަލައިޒޭޝަން ވެސް މައިކްރޮސޮފްޓުން އެ ކުންފުންޏަށް ވަނީ ދީފަ އެވެ. މި ސްޕެޝަލައިޒޭޝަނަކީ އެ ދާއިރާއިން ކުންފުންޏަކަށް ލިބޭނެ އެންމެ މަތީ ސްޕެޝަލައިޒޭޝަނެވެ. މިއީ ރާއްޖޭގެ ކުންފުންޏަކަށް އަދި ސްރީލަންކާ ހިމެނޭ ރީޖަނުގެ ކުންފުންޏަކަށް ވެސް މި ސްޕެޝަލައިޒޭޝަން ލިބުނު ފުރަތަމަ ކުންފުންޏެވެ.
ގައުމީ ފެންވަރުގެ އިތުރުން, މި ރީޖަނުގައި ފާހަގަކޮށްލެވޭ މި ކާމިޔާބީ އަކީ އެ ކުންފުނިން ކެނޑިނޭޅި ކުރި ބުރަ މަސައްކަތްތަކުގެ ހެއްކެގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިޔާޒް މުހައްމަދު ދީދީ ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މި ސްޓޭޓަސް މި ލިބުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން. އޭގެތެރޭގައި އެކި މުވައްޒަފުންނަށް ވަކި ތަމްރީނުތައް ދިނުމާއި ވަކި މިންގަނޑަކަށް މަސައްކަތްތައް ފައްތާ, ކޮލިޓީ މެއިންޓެއިންކުރުމުގެ ގިނަ ކަންތައްތަކެއް ވާނީ ކޮށްފައި." އޭނާ ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި, އެހެން ގައުމުތަކާ އަޅާ ބަލާއިރު ފުރުސަތުތައް މަދުވުމުން ވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
"ރާއްޖެ އަކީ ކުޑަ ކޮމިއުނިޓީއަކަށް ވީމަ މި ސްޓޭޓަސް ހޯދުމަށް ހަމަކުރަން ޖެހުނު ސޭލްސް ޓާގެޓާއި ކްލައިންޓުންގެ އަދަދު ހަމަކުރުމުގައި ދަތިތަކެއް ހުރި. އެކަމަކު މި ގޮންޖެހުންތަކާ އެކު މިކަން ވުމަކީ ވަރަށްބޮޑު ކާމިޔާބީއެއް. އެއީ ލަންކާ ކަހަލަ ބޮޑެތި ގައުމުތަކުގެ އައިޓީ ކުންފުނިތަކާ ވާދަކޮށް ރާއްޖެ ކަހަލަ ގައުމެއްގެ ކުންފުންޏަކަށް މި ސްޓޭޓަސް ލިބުމަކީ ރާއްޖޭގެ އައިޓީ ދާއިރާއަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ޕައިނެޓްވޯކްސްއިން ހިންގި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް. އެކުންފުނިން އެކި ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭ.
އޭނާ ވިދާޅުވީ މި ކާމިޔާބީ އަކީ މިދާއިރާއިން އިތުރު ދިވެހި ކުންފުނިތައް ނުކުތުމަށް ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި އުއްމީދު ކުރައްވާ ކަމަށެވެ.
އައިޓީ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވާ, ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ދޭ ޕައިނެޓްވޯކްސް އަކީ 100 ޕަސެންޓު ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޗީފް ޕްރޮޑަކްޓް އޮފިސަރު އަލީ ނަފީސް ވިދާޅުވީ އެ ކުންފުނިން ޒުވާނުން މިދާއިރާއަށް ނެރުމަށް އިންޓާންޝިޕްގެ ފުރުސަތުތައް ވެސް ދެމުންދާ ކަމަށެވެ.
"ރާއްޖޭގައި ޓެލެންޓު އެބަ ހުރި. ފުރުސަތު ނެތީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީ ވަރަކުން އެ ފުރުސަތުތައް ފަހިކޮށްދޭނެ. މާލެއިން އެކަންޏެއް ނޫން. މާލެއިން ބޭރުން ވެސް, މި ދާރިއާއަށް ޒުވާނުން ހޯދާ, އަޅުގަނޑުމެންނާ އެކު ރިމޯޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އެބަ ދެން." އޭނާ ވިދާޅުވި އެވެ.
ނަފީސް ވިދާޅުވީ ޕައިނެޓްވޯކްސް އިން އަބަދުވެސް ދިވެހިންނާ އެކު މަސައްކަތް ކުރަމުން އަންނާނީ ރާއްޖޭގެ އައިޓީ ދާއިރާ ކުރިއަރުވަން ކަމަށެވެ. އެގޮތުން މައިކްރޮސޮފްޓުން ލިބުނު ޕާޓްނާޝިޕްގެ އިތުރުން އެ ކުންފުންޏަކީ ދުނިޔޭގެ ސައިބާ ސެކުއިޓީ ހިދުމަތް ދޭ އެންމެ މަގުބޫލު އަދި އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ސޯފޯޒްގެ ޕްލެޓިނަމް ޕާޓްނަރުގެ މަގާމު ވެސް ލިބިފައިވާ ކުންފުނި ކަން ފާހަގަކުރެއްވި އެވެ. މިއީ ވެސް ސްރީލަންކާ ހިމެނޭ ސަރަހައްދުގެ ކުންފުންޏަކުން މި ޕާޓްނާޝިޕް ހޯދި ފުރަތަމަ ކުންފުންޏެވެ. އޭގެ އިތުރުން އެ ކުންފުންޏަކީ އެޑޯބީ ފުލް ކްރިއޭޓިވް ސުއީޓްގެ ޕްރިފާޑް ޕާޓްނަރެވެ.
ނަފީސް ވިދާޅުވީ އެކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ހަމައެކަނި އައިޓީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ކުންފުނިން ކޮންމެ ކްލަޔަންޓަކަށް ވެސް ބޭނުންވާ ހުރިހާ ސޮލިއުޝަނެއް ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެން ހަމައެކަނި ސޮފްޓްވެއާއެއްގެ ލައިސަންސް ދީފަ ދޫކޮށްލަނީއެއް ނޫން. އެ ސޮފްޓްވެއާއެއް ބޭނުން ކުރެވޭ ވަރަށް އެހީތެރިކަން ފޯރުކޮށްދީ, އެއަށް ބޭނުންވާ މެއިންޓެނަންސް އާއި ސަޕޯޓު އެބަ ފޯރުކޮށްދެން. އަދި ކަސްޓަމާކެއާ ސަޕޯޓު ވެސް 24 ގަޑިއިރު އެބަ ފޯރުކޮށްދެން." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުންފުނީގެ އަމާޒު ހިފާފައި ހުރީ ފިންޓެކް ދާއިރާއިން ސޮލިއުޝަންތައް ފޯރުކޮށްދީ, އެކި މުއާމަލާތްތައް ކުރުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވުން ކަމަށެވެ. އެގޮތުން އޭޓީއެމް އިން ފެށިގެން ސޭލް ސާވިސް ކިއޮސްކް, ޕޮސް މެޝިންސް ފަދަ އެކި ހިދުމަތްތައް އެކުންފުނިން ފޯރުކޮށްދޭ ކަމަށާއި އެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި އަމާޒަކީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުން ހުރި ފުރުސަތުއް ހޯދުން ކަމަށް ވިދާޅުވި އެވެ.
ޕައި ނެޓްވޯކްސްއިން މަސައްކަތްކުރަމުން އަންނަނީ އައިޓީ ދާއިރާއިން އިތުރު ދިވެހިން ނުކުތުމަށް ހިތްވަރުދީ, އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދިވެހިންނަށް އެ މަގު ތަނަވަސްކޮށްދިނުމަށެވެ. އެކުންފުނީގެ އަމާޒަކީ އެކުންފުނީގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކޮށް, ބޭރުގެ އެކި ކުންފުނިތަކާއި އެކު ޕައި ނެޓްވޯސްގެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކޮށް, އެ ކުންފުންޏަކީ ބައިނަލްއަގުވާމީ ކުންފުނިތަކުން ވެސް އިތުބާރުކުރާ ފަދަ ކުންފުންޏަކަށްވުމެވެ.
ނޯޓު: މިއީ ޕައިނެޓްވޯކްސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy