ބީއެމްއެލް ގްރާންޓުގެ އެހީގައި ފަށާފައިވާ ވިޔަފާރިއެއް.
07 އޯގަސްޓް 2025 - 14:18
ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދޭން ވަނީ ނިންމައިފަ އެވެ. އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެނީ ދެ ވިޔަފާރިއަކަށެވެ.
ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއަރުވަން ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެ އެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.
މި ގްރާންޓަށް އެދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުށަހެޅޭނެ އެވެ. ގްރާންޓަށް އެދި ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. މި ގްރާންޓާއި ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުގައި ހުންނާނެ އެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފަށަން ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy