12 އޯގަސްޓް 2025 - 19:41
ޓްރީޓޮޕް ހޮސްޕިޓަލުން ހއ. ދިއްދޫގައި މިމަހު ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ދިއްދޫގެ އަތޮޅު ހޮސްޕިޓަލުގައި މި ކޭމްޕު އޮންނާނީ މި މަހުގެ 15 އިން 16 އަށެވެ. މި ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރަނގަޅު ސިއްހީ ފަރުވާ އާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކޭމްޕެއް ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.
މި ހެލްތް ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް • ޑރ. މުހައްމަދު ހަބީބު - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް • ޑރ. އަލީ މުޒުނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް • ޑރ. ރާޖޭޝް ވާލަންދް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް • ރީބާ މޭރީ ތޮމިޗިއަން - ޑައިޓީޝަން • ޑރ. ތެހްޒީބް ފާރުގީ - ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް • ޑރ. ޕްރީތީ ސޮލޮމޮން - އަންހެނުންގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓް
މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހއ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6500093 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެއެވެ. މި ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލްގެ އިދާރާގެ އެހީތެރިކަމާއެކު އެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށް ގެންދާ 3 ވަނަ ހެލްތު ކޭމްޕެވެ. މިދިޔަ އޭޕްރިލް މަހާއި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ވެސް ހެލްތު ކޭމްޕް ބާއްވާފައިވެ އެވެ. އަދި އެ ހޮސްޕިޓަލުން މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ވެސް މިފަދަ ހެލްތު ކޭމްޕް ވަނީ ބާއްވައިފަ އެވެ. އެ ހޮސްޕިޓަލުން މިހާތަނަށް ބޭއްވި ހެލްތު ކޭމްޕްތަކުގައި 3،500 އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްޙީ ހިދުމަތް ހޯދައިފަ އެވެ.
މި ހެލްތު ކޭމްޕްތަކަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގުރާމުގެ މަގުސަދަކީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ހިދުމަތްތައް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy