11 ސެޕްޓެމްބަރ 2025 - 20:07
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް ބައްދަލުވުން ދިރާގުން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ، ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެކެވެ. މި ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑު އިންޓަނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބޭނެ އެވެ.
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ.
ދިރާގުގެ މި އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖު ޕޮއިންޓުތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެ އަށް ލިބި، ޑިޖިޓަލް އިގްތިސާދަށް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިޔަން ބޭއްވި ހާއްސަ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، މިއީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިގްތިސޯދު އިތުރަށް ތަރައްގީ ކުރުމަށް މަގުފަހިވާނެ ކަމަށެވެ.
ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެ އެވެ.
އޭގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން) އާއި ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް) އާއި ބާރްތީ އެއާޓެލް ލިމިޓެޑް (އިންޑިއާ) އާއި ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް) އާއި ޖިބޫޓީ ޓެލެކޮމް އާއި މައިކްރޮސޮފްޓް (އެމެރިކާ) އާއި މޮބިލީ (ސައޫދީ އަރަބިއްޔާ) އާއި އޮރެންޖް (ފްރާންސް) އާއި ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު) އާއި ސްރީ ލަންކާ ޓެލެކޮމް އާއި ޓެލެކޮމް އިޖިޕްޓް އާއި ޓެލެކޮމް މެލޭޝިއާ އާއި ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy