13 ސެޕްޓެމްބަރ 2025 - 09:23
ޕެއިން ކްލިނިކުން ސީ-އާމް އިމެޖިން ހިދުމަތް ތައާރަފްކޮށްފި އެވެ.
މިއީ ރާއްޖޭގައި ހިންގާ އަމިއްލަ ކްލިނިކަކުން އެ ހިދުމަތް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
ޕެއިން ކްލިނިކުގައި ސީ-އާމް އިމޭޖިން ހިދުމަތާ އެކު، އެކްސްރޭގެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ތަދުތަކަށް ފަރުވާ ހޯދަން އެ ކްލިނިކަށް ދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތްތަކެއް ކަމަށް ބުންޏެވެ.
ޕެއިން ކްލިނިކުން ބުނީ ސީ-އާމް މެޝިނަކީ "ރިއަލް ޓައިމް އިމޭޖިން" ފޯރުކޮށްދޭ އެއްޗަކަށް ވުމުން ޑޮކްޓަރުންނަށް އެންމެ ފުރިހަމަ އަށް އަދި އެންމެ ރައްކާތެރިކަމާ އެކު ފަރުވާ ދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ޕެއިން ކްލިނިކުގެ ކަށީގެ ޑޮކްޓަރަކު ވިދާޅުވިގޮތުގައި، އެ މެޝިނުގެ އެހީގައި އެ ކްލިނިކުގައި ކަށީގެ ކުދި ޕްރޮސީޖާތައް ހެދޭނެ އެވެ. އޭގެ ތެރޭގައި ޑިސްލޮކޭޝަނާއި ޖޮއިން އިންޖެކްޝަން އަދި ކަށިގަނޑަށް ބޭނުންވާ އިތުރު ފަރުވާތައް ރައްކާތެރިކަމާ އެކު ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ސީ-އާމް ހިދުމަތާ ގުޅޭ ގޮތުން، ޕެއިން ކްލިނިމުގެ ޕެއިން ޑޮކްޓަރު ވިދާޅުވީ، ބުރަކަށީގެ ރިހުމާއި ސަޔަޓިކާއި އާތްރައިޓިސް އަދި ނާރުގެ ތަދުތަކަކީ ދިވެހިންގެ މެދުގައި އެންމެ އާއްމު ތަދުތައް ކަމަށެވެ. ސީ-އާމް މެޝިނުގެ އެހީގައި ސީދާ ތަދު ހުންނަ ތަނަށް ބޭނުންވާ ރޭޑިއޯ ފްރީކުއެންސީ ފަރުވާތަކާއި އިންޖެކްޝަން ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ބޭހާއި ސާޖަރީ އަށް އަބަދު ބުރަ ނުވެ، އެފަދަ ތަދުތަކަށް ހޯދެން ހުރި ހައްލުތައް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޕެއިން ކްލިނިކުން ބުނިގޮތުގައި، އެ ކްލިނިކުން އަލަށް ތައާރަފުކުރި ކުރި ހިދުމަތްތަކާ އެކު، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތައް ވެސް އެ ތަނުން ލިބެން ހުންނާނެ އެވެ. އަދި މިއީ "ކްރޮނިކް" ތަދުތަކަށް ފަރުވާ ހޯދަން ރާއްޖެ އިން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ލިބޭނެ ފަހި ފުރުސަތެއް ކަމަށް ބުންޏެވެ.
ޕެއިން ކްލިނިކުން އާސަންދަ އާއި އެމްއެންޑީއެފް އިންޝުއަރެންސް ކަވަރޭޖު ލިބޭނެ އެވެ.
ޕެއިން ކްލިނިކަކީ ތަދުތަކަށް ހާއްސަކޮށް ރާއްޖޭގައި ފަރުވާ ދޭން ފެށި ފުރަތަމަ ކްލިނިކެކެވެ. އެ ކްލިނިކުގައި ރޭޑިއޯފްރީކުއެންސީ ތެރަޕީ، ޕީއާރްޕީ އިންޖެކްޝަނާއި އަލްޓްރާސައުންޑު މެދުވެރިކޮށް ދޭ އެެކި ފަރުވާތައް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy