މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކުން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ: މިދިޔަ މަހު އިމްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ ދަށްވެފައި.
13 މެއި 2017 - 10:33
މިދިޔަ މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ނުވަ ޕަސެންޓް އިތުރުވި ކަމަށާއި އެކަމަކު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ސަރުކާރަށް ލިބުނު އާމްދަނީ ފަސް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
ކަސްޓަމްސްއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އެޕްރީލު މަހު ދައުލަތަށް 203 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އެޕްރީލު މަހު ލިބިފައި ވަނީ 214 މިލިއަން ރުފިޔާ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޔޫއޭއީން އެވެ. އެއީ މުދަލުގެ އަގުގެ ގޮތުން 21 ޕަސެންޓެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ 21 ޕަސެންޓް ދަށްވެފައި ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 353 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ މަހު އެކްސްޕޯޓްކުރީ 279 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އެޕްރީލް މަހު އެކްސްޕޯޓްކުރި މުދަލުގެ 39 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައުކަތު
13 May 2017
އެކަމަކު އިމްޕޯޓް ޑިއުޓީ ސަރުކާރުން ބޮޑު ކުރިއެއްނު؟ ކީއްވެބާ މަދުން ލިބެންވީ؟ ކޮބައިތޯ ސަބަބަކީ؟ ހަބަރުތައް ގެނެސްދޭއިރު މިފަދަ ސުވާލުތަކަށް ޖަވާބު ދެވުން މުހިއްމު..
ޑިއުޓީފުރީ
13 May 2017
ރާއްޖޭގައިހިނގަމުންދާ ޕްރޮޖެކްޓެއްވިއްޔާ ޑިއުޓީފުރީ.. ދިވެހިވިޔަފާރިވެރިން އަދި ދައުލަތައްވެސް ފައިދާއެއްނެތް!
ޝައުކަތު
13 May 2017
ޑިއުޓީ ފްރީ ކޮށްގެން ރިސޯޓުތައް އަވަހަށް ނިމެމުން އެދަނީ. އާ އިންވެސްޓަރުން ރިސޯޓުތައް ހަދަނީ. ރިއަލް އެސްޓޭޓް ފުޅާވެގެން ދަނީ. އެއިގެ ފައިދާ ކުރާނީ މުޅި އިގްތިސާދަށް. ސަރުކާރުގެ އާމްދަނީ އިތުރުވާނީ އެތަންތަން ހުޅުވި ވިޔަފާރި ފެށި ވަޒީފާތައް އިތުރުވުމުން އޭރަށް ޖީއެސްޓީއާއި، ބީޕީޓީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ. މުސާރަ ލިބޭ މީހުން އިތުރުވާނެ. އެއީ އިގްތިސާދީ ވިސްނުމަކީ
ޑޯން
13 May 2017
ޑިއުޓީފުރީކޮއްގެން ގެނެސް ބޭނުން ކުރަނީ އަމިއްލަ ގެދޮރުގެ މަސައްކަޔް ދެން ނުވާނުން ފައިދާއެއް