އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 239 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 239 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.


ކަސްޓަމްސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ މިދިޔަ މެއި މަހު ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 239 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މެއި މަހު ލިބިފައި ވަނީ 206 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މެއި މަހު ރާއްޖެ އަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 3.3 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މެއި މަހު އެ އަދަދު ވަނީ 3.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޔޫއޭއީންނެވެ. އެ ގައުމުން އެތެރެކޮށްފައި ވަނީ މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް މުދަލެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 34 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ މޭމަހު 373 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި މިދިޔަ މެއި މަހު އެ އަދަދު ވަނީ 498 މިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފަ އެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ 63 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.