ވެކޭޝަންސް އެކްސްޕޯގެ ނަސީބުވެރިޔަކަށް އިއްތިހާދު އެއާވޭސް އިން އަބޫދާބީއަށް ދެކޮޅު ޓިކެޓް

މާދަމާ އާޓް ގެލަރީގައި ފަށާ ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ހޮވޭ ނަސީބުވެރިޔަކަށް އިއްތިހާދު އެއާވޭސް އިން އަބޫ ދާބީއަށް ދާން ދެކޮޅު ޓިކެޓް ދޭން ހަމަޖައްސައިފި އެވެ.


ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އުފުލާ އެއާލައިނުން ހަފުތާއަކު ކޮންމެ ދުވަހަކު އަބޫ ދާބީ އާއި މާލެއާ ދެމެދު ދަތުރުކުރެ އެވެ.

ރާއްޖޭގައި އިވެންޓް މެނޭޖްކުރާ ހައި ރައިސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯގައި ތަފާތު 26 ލަކީ ޑްރޯ ނަގަން ވަނީ ހަމަޖައްސައިފަ އެވެ.

މި އެކްސްޕޯގައި ރާއްޖެއަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކާއި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ފްލައިމީ ވެސް ބައިވެރިވެ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ އެކްސްޕޯގައި 26 ފަރާތަކުން މިހާތަނަށް ބައިވެރިވެފައިވާއިރު، ހައިރައިސް އިން ބުނީ އެކްސްޕޯގެ މަގްސަދަކީ ދަތުރުފަތުރާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ދިނުން ކަމަށެވެ.

ދަތުރުކުރަން އެންމެ ފަސޭހަ އަދި އެންމެ އަގުހެޔޮ ތަންތަނުގެ މައުލޫމާތު އެކްސްޕޯ އިން ލިބޭނެ ކަމަށް ވެސް ހައިރައިސް އިން ބުނެ އެވެ. މިއީ ހައިރައިސް އިން ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯ އެވެ. އެ ކުންފުނިން މީގެ ފުރަތަމަ އެކްސްޕޯ ބޭއްވީ މިދިޔަ އަހަރު އެވެ.