މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަނަށް ފަސްޓް އެއިޑް ކިޓް ހަވާލު ކުރުމަށް އޭއެމްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތު. ފޮޓޯ: ފިޝަމެން އެސޯސިއޭޝަން
23 ޖޫން 2016 - 17:00
ދަރިވަރުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމަށް ބޭނުންވާ ފަސްޓް އެއިޑް ކިޓުތަކެއް އޭއެމްޑީސީން މިއަދު ހަދިޔާކޮށްފި އެވެ.
މޯލްޑިވްސް ފިޝަމަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭއެމްޑީސީން ހަދިޔާކުރި ފަސްޓް އެއިޑް ކިޓުތައް ބޭނުން ކުރާނީ ދަރިވަރުން މަސްވެރިކަމާއި އެކަމާ ގުޅުން ހުރި ދާއިރާތަކަށް އަހުލުވެރި ކުރުވަން ހިންގާ "ޔަންގް ފިޝާޒް ކްލަބް"ގެ ތަމްރީނުތަކަށެވެ.
ސިއްހީ ހިދުމަތާއި އެ ދާއިރާ އަށް ބޭނުންވާ ސާމާނު ފުޅާ ދާއިރާއެއްގައި ސަޕްލައިކުރާ އޭއެމްޑީސީން ހަދިޔާކުރި މި ތަކެތި ފިޝަމަން އެސޯސިއޭޝަނާ ހަވާލުކުރީ އޭއެމްޑީސީ ފާމަސީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފިޝަމަން އެސޯސިއޭޝަނާއި ފިޝަރީޒް މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ "ޔަންގް ފިޝާޒް ކްލަބް"ގެ ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދަނީ ފަސް ސްކޫލެއްގަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި ސ. ފޭދޫ އިރުޝާދިއްޔާ ސްކޫލްގެ އިތުުރުން ރ. ދުވާފަރާއި ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އޭއެމްޑީސީގެ ފަސްޓް އެއިޑް ކިޓެއް މިއިން ކޮންމެ ސްކޫލަކަށް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy