ބައިނަލްއަގްވާމީ މިއުޒިކް ސްޓްރީމިން އެޕް "ޔޮންޑާ މިއުޒިކް"ގެ ހިދުމަތް އިއްޔެ ހުއްޓާލައިފި އެވެ.
ދިރާގުން ރާއްޖެ އަށް ތައާރަފްކޮށް ދިވެހި ލަވަތައް ވެސް އަޑުއެހޭ މި އެޕްގެ ހިދުމަތް، ހުރިހާ ގައުމަކަށް ވެސް ހުއްޓާލާފައިވާ ކަމަށް ޔޮންޑާ މިއުޒިކުން ވަނީ ބުނެފަ އެވެ. ހިދުމަތް އެއްކޮށް ހުއްޓާލުމުގެ ކުރިން، އެޕުން ފޮނުވި ނޮޓިފިކޭޝަނަކުން ވަނީ، ހިދުމަތް ހުއްޓާލާނެކަން އަންގައިފަ އެވެ.
ރާއްޖޭގެ އިތުރުން، މެލޭޝިޔާ، ސްރީ ލަންކާ، ނޭޕާލް، ބަންގްލަދޭޝް އަދި އިންޑޮނީޝިއާ ގައި މަގުބޫލުކަން ހޯދާފައިވާ ޔޮންޑާ މިއުޒިކް ހުއްޓާލީ ކީއްވެގެން ކަމެއް ނުބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ދިރާގުން ކުރި ޓްވީޓެއްގައި ވަނީ، ފެންވަރު ރަނގަޅު ޑިޖިޓަލް ކޮންޓެންޓާއި މުނިފޫހިފިލުވުމުގެ އިތުރު ގޮތްތައް ތައާރަފް ކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފަ އެވެ.
"ޔޮންޑާ މިއުޒިކް އިންކް އިން ވަނީ އެ ކުންފުނީގެ ހިދުމަތް ދިނުން ހުރިހާ ގައުމަކަށް ވެސް ހުއްޓާލާފައި. މީގެ ސަބަބުން ރާއްޖޭގެ ހިދުމަތް ވެސް ވަނީ ހުއްޓިފައި،" ދިރާގުން ކުރި ޓްވީޓުގައި ބުންޏެވެ.
ޔޮންޑާ މިއުޒިކް ރާއްޖެ އަށް ތައާރަފް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. އެ ރަސްމިއްޔާތުގައި ޔޮންޑާ މިއުޒިކުން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ރެކޯޑިން ސްޓޫޑިއޯއެއް ރާއްޖޭގައި ހުޅުވާނެ ކަމަށް ވެސް ބުނެފަ އެވެ.