މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގެ ތެރެއިން.
28 މާޗް 2018 - 16:43
މަތީ ތައުލީމްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ، ވަގުތުން ކޯސްތަކަށް އެޕްލައި ކުރެވޭ ގޮތަށް ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފަށަން ތައްޔާރުވެއްޖެ އެވެ.
މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ދަރުބާރުގޭގައި ބާއްވާ އެކްސްޕޯގައި 50 އަށް ވުރެ ގިނަ ތަންތަނުން މި އަހަރު ބައިވެރިވެ އެވެ. އަދި އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް، ތަފާތު ދާއިރާތަކުން 500 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.
"މިއަހަރުގެ އެކްސްޕޯގައި ވަރަށް ހާއްސަ ކެރިއާ ގައިޑެންސް ޕްރޮގަރާމްތަކެއް ވެސް ކުރިއަށް ދާނެ. ހާއްސަކޮށް އޭވިއޭޝަން އާއި ފެޝަން ޑިޒައިނިންގެ ދާއިރާ އަށް އަމާޒުކޮށްގެން ހިންގާ ސެމިނާތަކެއްގެ އިތުރުން މެޑިކަލް، އާކިޓެކްޗާ، ބިޒްނަސް، އެކައުންޓިން އަދި މިނޫން ވެސް އެތައް ދާއިރާތަކަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ޕްގޮރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވާލާފައި އޮންނާނެ،" އެކްސްޕޯގެ އިވެންޓް މެނޭޖަރު އައިމިނަތު އަސްމާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގެ ތެރެއިން.
އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުގެ އެކި ގައުމުތަކުން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސީދާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ އިސް ވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް، އެކްސްޕޯ އިން ލިބޭނެ ކަމަށެވެ. އަދި ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމާއި އެޕްލިކޭޝަނާއި ލިޔުންތައް ވެރިފައި ކޮށް ޕްރޮސެސް ކުރުމުގެ ފުރުސަތު ވެސް އެކްސްޕޯގައި އޮންނާނެ ކަމަށް އަސްމާ ވިދާޅުވި އެވެ.
"އެކްސްޕޯ އަމާޒުކުރެވިގެން މިދަނީ މިހާރު ގްރޭޑް 8،9،10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި 11،12 އަދި ޑިޕްލޮމާ ފައުންޑޭޝަން ލެވަލްގައި ކިޔަވަމުންދާ ދަރިވަރުންނަށް. އަދި މަތީ ތައުލީމު ހާސިލް ކުރުމަށް ގަސްދު ކުރަމުން އަންނަ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް. މިއީ ބެލެނިވެރިންނަށް ވެސް ދަރިވަރުން ކިޔެވުމަށް ގަސްދުކުރާ އިންސްޓިޓުޓްތަކުގެ އިސްފަރާތްތަކާ ބައްދަލު ކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއް،" 2016 ވަނަ އަހަރު ބާއްވަން ފެށި އެކްސްޕޯ އާ ގުޅޭ ގޮތުން އަސްމާ ވިދާޅުވި އެވެ.
އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގުޅިގެން ބާއްވާ އެކްސްޕޯ ހުޅުވިފައި ހުންނާނީ، މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެކްސްޕޯ ހުޅުވިގައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy