މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި ކޮންޓެއިނަރެއް ގެންދަނީ: މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ އިން. ފޮޓޯ: ކަސްޓަމްސް
20 މެއި 2018 - 15:46
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ 31 ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 262 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.
މާލޭ ކޮމާޝަލް ހާބަރު ސަރަހައްދު: މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: ކަސްޓަމްސް
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޭޕްރިލް މަހު އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު 3.25 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 3.77 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 21 ޕަސެންޓް ހިއްސާ ކުރަނީ ޔޫއޭއީ އިން އެވެ. އޭގެ އިތުރުން ސިންގަޕޫރުން 13 ޕަސެންޓް އަދި ޗައިނާ އިން 12 ޕަސެންޓް މުދާ އެތެރެކޮށްފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 77 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު 208 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ 368 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy