އޮސްޓްރޭލިއާ އިން ރާއްޖެ އަށް ސްކޫޓްގެ ހާއްސަ އަގުތަކެއް!

ސްކޫޓް އެއާލައިން އިން އޮސްޓްރޭލިއާ އާއި ރާއްޖެ އަށް ދަތުރުކުރާ ފްލައިޓްތަކަށް ވަރަށް އަގުހެޔޮ ފެއާއެއް ތައާރަފްކޮށްފި އެވެ.


ސްކޫޓް އިން ތައާރަފް ކުރި ފްލައިޓްތަކުގައި، އަންނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ އެކި ސިޓީތަކުން ރާއްޖެ އަށް އަންނަ މީހުންނަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެއްކޮޅުގެ ދަތުރެއްގެ އަގުތަކަށް ބަލާލާއިރު ޕާތު އިން ރާއްޖެ އަށް 199 ޑޮލަރު (3،068 ރުފިޔާ) އަށް ދަތުރު ކުރެވެ އެވެ. ސިޑްނީ އަދި މެލްބަން އިން ރާއްޖެ އަށް 229 ޑޮލަރު (3،531 ރުފިޔާ) އަށް، ގޯލްޑް ކޯސްޓް އިން 210 ޑޮލަރު (3،238 ރުފިޔާ) އަށް ދަތުރު ކުރެވެ އެވެ.

އެފެއާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރު ފެބްރުއަރީ 10 އިން ފެށިގެން 2020 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކަމަށް އެ އެއާލައިން އިން ބުނެއެވެ.

އޮސްޓްރޭލިިއާ އިން ރާއްޖެ އަށް ދަތުރު ކުރާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ތައާރަފްކުރި ފެއާ އަކީ އެ ގައުމުގެ އެކި ސިޓީތަކުން ރާއްޖެ އަށް ދަތުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތައާރަފް ކުރި ފެއާއެކެވެ. ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ އިން ސިންގަޕޫރަށާއި ގްރީސް އަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މިފަދަ ވަންވޭ ފެއާއެއް ވަނީ ތައާރަފުކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އޮސްޓްރޭލިއާ އަކީ މައިގަނޑު ރޯލެއް ކުޅޭ ގައުމެކެވެ. އެ ގައުމުން އާންމު ގޮތެއްގައި ރާއްޖެ އަށް އަންނީ ރާއްޖޭގެ ޑައިވް އަދި ވޯޓާ ސްޕޯޓްސްއާ ގަަޔާވާ މީހުންނެވެ.