ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓްގައި ރާއްޖޭގެ ސްޓޯލް. -- ފޮޓޯ: އެމްއެމްޕީއަރުސީ
18 ނޮވެމްބަރ 2018 - 14:50
ޗައިނާގެ ޝެންހާއިގައި ބާއްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓްގައި ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
މި މަހު 16-18 އަށް އޮންނަ އެ ފެސްޓިވަލްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ އިތުރުން 16 ކުންފުންޏަކުން 27 މަންދޫބުން ބައިވެރިވި އެވެ.
ޝެންހާއި ނިއު އިންޓަނޭޝަނަލް އެކްސްޕޯ ސެންޓަރުގައި ކުރި އަށް ދާ މި ފެސްޓިވަލްގައި ޗައިނާ މާކެޓުގައި ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަން ވާޗުއަލް ރިއަލިޓީ ގޮގުލްސްގެ ޒަރީއާ އިން ބަލައިލުމުގެ ފުރުސަތު ރާއްޖޭގެ ސްޓޯލުން ލިބެ އެވެ.
އޭގެ އިތުރުން މި ފެސްޓިވަލްގައި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކޮށް ސެލްފީއެއް ނަގައި ސޯޝަލް މީޑިއާގައި 'ވިސިޓް މޯލްޑިވްސް' ބޭނުންކޮށް، ޕޯސްޓު ކުރުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.
ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް އަކީ ޗައިނާ ނެޝަނަލް ޓުއަރިޒަމް އެޑްމިނިސްޓްރޭޝަން އާއި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން ގުޅިގެން މުޅި އޭޝިއާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެސްޓިވަލެވެ.
ޗައިނާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން ވަނީ 2012 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް 306،530 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ޗައިނާގެ 236،728 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy