ނޮވެމްބަރު މަހުގެ އިމްޕޯޓާއި އެކްސްޕޯޓް މައްޗަށް

މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ހަތް ޕަސެންޓް އިތުރުވެއްޖެ އެވެ.


މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް 3.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ނޮވެމްބަރު މަހު 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށެވެ. އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓަކީ ޔޫއޭއީ އިން އެތެރެކުރި މުދަލެވެ. ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާއިންނެވެ. މުޅި އިމްޕޯޓުގެ 14 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާ އެވެ. ރާއްޖެ އަށް އިމްޕޯޓުކުރި މުދަލުގެ 11 ޕަސެންޓަކީ އަޔަލޭންޑުން އެތެރެކުރި މުދަލެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު 2.23 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 255.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު މި އަހަރު އެ އަދަދު އުޅެނީ 261 މިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރު އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 280.3 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވެ އެވެ. މި އަހަރު އެ އަދަދު އުޅެނީ 406.8 މިލިއަން ރުފިޔާގަ އެވެ.

ރާއްޖެ އިން މައިގަނޑު ގޮތެއްގައި މުދާ އެކްސްޕޯޓު ކުރަނީ ތައިލެންޑަށެވެ. އެގޮތުން ރާއްޖެ އިން އެކްސްޕޯޓް ކުރާ މުދަލުގެ 48.2 ޕަސެންޓް ބޭރުކުރަނީ އެ ގައުމަށެވެ. ދެވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ޖަރުމަނަށެވެ. އެ ގައުމަށް އެކްސްޕޯޓް ކުރާ މުދަލުގެ 10.3 ޕަސެންޓް ބޭރު ކުރާ އިރު 7.5 ޕަސެންޓް އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށެވެ. މީގެ އިތުރުން އެކްސްޕޯޓްގެ 6.6 ޕަސެންޓް ހިއްސާ ކުރަނީ ފްރާންސެވެ. ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ.