ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަށް ވެސް އަންނަ އަހަރު ފިންލަންޑުގެ ޕްރިންސިޕަލެއް

އީޕީއެސް އިމާރާތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި އަހަރު ކުރި ބިޑު އައިލެންޑަސް އެޑިޔުކޭޝަނުން ކާމިޔާބުކުރުމާ އެކު ސްކޫލް ހިންގަމުން އައި ބޯޑުގައި އީޕީއެސްގެ ފައުންޑަ މެމްބަރުން އަދާކުރި މުހިންމު ދައުރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެންކަމުން އާ ބޯޑެއް އެކުލަވާލައި، ސްކޫލްގެ ސީނިއަ މެނޭޖްމަންޓަށް 2019 ގައި ބޮޑެތި ބަދަލުތަކެއް އައިލެންޑަސް އެޑިޔުކޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.


ސްކޫލްގެ މެނޭޖްމަންޓް ވަރުގަދަ ކުރުމަށްޓަކައި ޕްރިންސިޕަލެއްގެ ގޮތުގައި 2019 އަހަރުގެ މެދު ތެރޭގައި ފިންލަންޑްގެ ތަޖުރިބާކާރެއް ކަމަށްވާ މައިއްކީ ސަހްނޭ އެ ސްކޫލާ ގުޅޭނެ ކަމަށް އައިލެންޑަސް އެޑިޔުކޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މައިއްކީ އަކީ ތައުލީމީ ދާއިރާއިން ފިންލަންޑުގެ އޯލޫ ޔުނިވަސިޓީ އިން މާސްޓަސް ޑިގްރީ ޙާސިލްކޮށް، ޕްރިންސިޕަލް އަދި ވައިސް ޕްރިންސިޕަލްގެ މަގާމްތަކުގައި ފިންލަންޑާއި މެދުއިރުމަތީގެ އެކި ގައުމުތަކުގައި 10 ވަރަކަށް އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

އައިލަންޑަސް އިން ބުނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ މައިއްކީ އެއްކޮށް ހަވާލުވަންދެން، ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މިހާރު ވެސް މެނޭޖްމަންޓްގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި މައިއްކީ ސްކޫލާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްކޫލްގެ ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ސްކޫލް ހިންގާ، ކޭކޭއީއެލް އަދި ކެމްބްރިޖްގެ ކަރިކިއުލަމަށް ކިޔަވައިދިނުމުގައި ސްކޫލްގެ ކޮންމެ ދަރިވަރަކަށް ވެސް ކަރިކިއުލަމްގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ގޮތްތަކަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް ކަމަށް ވެސް އައިލަންޑަސް އިން ބުންޏެވެ.

ސްކޫލްގެ އާ ބޯޑަށް އައްޔަންކުރާ ބޭފުޅުންގެ ތެރޭގައި 2019 ގައި ދިވެހިރާއްޖޭގެ އިތުރުން މުޅި އޭޝިޔާގައި ވެސް ހުޅުވޭ އެންމެ ފުރަތަމަ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އައިޔާ ހިމެނެ އެވެ. ފިންލަންޑްގެ ތައުލީމީ ދާއިރާގައި ވެސް އިހުތިރާމް ލިބިފައިވާ ޑރ. އައިޔާއަކީ ތައުލީމީ ދާއިރާ އިން ޕީއެޗް.ޑީ ޙާސިލްކުރައްވާފައިވާ އަދި މި ދާއިރާގެ އިސް މަގާމުތަކުގައި 23 އަށް ވުރެ ގިނަ އަހަރު ހޭދަކުރެއްވި ބޭފުޅެކެވެ.

ބޯޑަށް ދެން އައްޔަންކުރަނީ ކޭކޭއީއެލްގެ ފައުންޑަ ލީނާ އަޝާރް އެވެ. ލީނާ އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ 100 އަށް ވުރެ ގިނަ ސްކޫލްތަކުގައި ކިޔަވައިދޭ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ކަރިކިއުލަމް އުފެއްދުމުގައި އެންމެ އިސް ރޯލެއް ކުޅުއްވި އެއް ބޭފުޅެވެ.

"ބިލަބޮންގް ހައި ހުޅުވީއްސުރެ މިހާތަނަށް އަޅުގަނޑުމެންގެ ބޯޑުގައި ތިއްބެވި އީޕީއެސްގެ ފައުންޑަ މެމްބަރުން އަޅުގަނޑުމެންގެ ސްކޫލް ހިންގުމުގައި ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމާއި އެއްބާރުލުމަކީ އަޅުގަނޑުމެން އަބަދުވެސް އޭގެ އަގު ވަޒަންކުރާނެ ކަމެއް،" އައިލަންޑަސްގެ އެގްޒެކެޓިވް ޑިރެކްޓަ އަޙްމަދު އަދްލީ ރަޝީދު ވިދާޅުވި އެވެ.

"ދެން ބޯ އަލަށް ގުޅޭ ޑރ. އައިޔާ އަދި ލީނާ އަޝާރް އަދި ސްކޫލާ އަލަށް ގުޅޭ ފިންލަންޑުގެ ތަޖުރިބާ ކާރު ޕްރިންސިޕަލް ވެގެންދާނީ އަޅުގަނޑުމެންގެ ސްކޫލްގެ ލީޑަޝިޕަށާއި މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ބާރަކަށް."

ބިލަބޮންގް ހައިގެ އެންމެ ބޮޑު އަމާޒަކީ، އޭނާ ވިދާޅުވި ގޮތުގައި، ހަމައެކަނި އިމްތިހާންތަކަށް ދަރިވަރުން ތައްޔާރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދީ، ކާމިޔާބު ދިރިއުޅުމަކަށްޓަކައި ބޭނުންވާ ކަންކަމަށް ދަރިވަރުން އަޙުލުވެރިކުރުވުމެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން މިހާރަކަށް އައިސް އަޑުއިވޭ ވާހަކައެއް އެއީ އިމްތިޙާނު ތަކުގައި ވަރަށް މޮޅު ނަތީޖާ ހޯދާ ދަރިވަރުންގެ ކިބައިގައިވެސް، ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ އުކުޅުތަކާއި އަޙުލުވެރިކަން ނުހުންނަކަމަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގޮތަށް މިދިމާވަނީ ސްކޫލްތަކުގެ ލަނޑުދަނޑިއަކީ ހަމައެކަނި އިމްތިޙާން ތަކުން ދަރިވަރުން ފާސްކޮށްދިނުން ކަމަށްވާތީ. އޭގެ ބަދަލުގައި، ރަނގަޅު ސްކޫލެއްގެ ލަނޑުދަނޑިއަކަށްވާން ޖެހޭނީ، ސްކޫލްގައި އެ އުނގެނޭ އެއްޗެއް، ސްކޫލް ނިމުމަށްފަހުގައި ހަގީގީ ދިރިއުޅުމުގައި ބޭނުންކޮށްގެން، ދިރިއުޅުމުގައި އާއިލީ ގޮތުންނާއި، އިޖްތިމާއީގޮތުން އަދި ގައުމަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ފަދަ ޒިންމާދާރު، ރައްޔިތަކަށް ކޮންމެ ދަރިވަރެއްވެސް ހެދުން،" އަދުލީ ވިދާޅުވި އެވެ.

އެގޮތުން ސްކޫލް ނިމިގެން ވަޒީފާގެ މައިދާނަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި ކުރިއަށް ގެންދިޔަ "މެންޓަރިން ޔަންގް މައިންޑްސް" ޕްރޮގްރާމް، އަދި ފައިސާގެ މުއާމަލާތްތަކާއި ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމާއި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާ ގުޅިގެން، ދަރިވަރުން ސިވިކް އެޑިޔުކޭޝަން އަދި ޑިމޮކްރަސީއާ ބެހޭގޮތުން އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމް އަދި ޔޫއެންޑީޕީއާ ގުޅިގެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ ބެހޭގޮތުން ދަރިވަރުންގެ މައުލޫމާތު މުއްސަނދިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް ފާހަގަކޮށްލެވެ އެވެ.

ބިލަގޮންގް ހައި ވެގެންދިޔައީ ފަރުކޮއެ ޕްރޮގްރާމްގެ އިތުރުން ސްކޫލްގައި ޑައިވް ކްލަބެއް ތައާރަފްކުރި އެންމެ ފުރަތަމަ ސްކޫލަށެވެ. މި ކްލަބްގެ އެންމެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުތަކުގެ ރީތިކަމަށް ލޯބިޖައްސުވައި، ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން، ޑައިވް ކްލަބްގެ ދަރިވަރުންވަނީ ޕަޑީ އޯޕަން ވޯޓަގެ ކޯސް ފުރިހަމަކޮށްފަ އެވެ. އަދި ޝައުގުވެރިކަން ހުރި ބައެއް ދަރިވަރުން ދަނީ ޑައިވް މާސްޓާ ކޯސް ވެސް ފުރިހަމަކުރަމުންނެވެ.

މީގެ އިތުރުން، އެކި ގްރޭޑަތަކުގެ ދަރިވަރުންވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ސްޓަޑީ ޓުއަސްތައް ހަދާފަ އެވެ. މިގޮތުން، ސެކަންޑަރީގެ ހިއުމަނިޓީސްގެ މާއްދާތައް ކަމަށްވާ ހިސްޓްރީ، ޖިއޯގްރަފީ، ސޯޝިއޯލޮޖީ އަދި ގްލޯބަލް ޕަސްޕެކްޓިވްސް ކިޔަވާ ބައެއް ދަރިވަރުންވަނީ ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކޮށް، ދުނިޔޭގެ އެއްވަނަ އަދި ދެވަނަ ބޮޑު ހަނގުރާމަ އަދި މީ ނޫން ވެސް ދުނިޔޭގެ ނިސްބަތުން ތާރީހީ އެކި ކާރިސާތަކާ ބެހޭ ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ. އަދި ބައެއް ދަރިވަރުންވަނީ ފުވައްމުލަކަށް ޒިޔާރަތްކޮށް، ދިވެހިރާއްޖޭގެ ތާރީހާ ގުޅޭ ބައެއް ތަންތަނަށް ގޮސް، ދިވެހިރާއްޖޭގެ ތާރީހާއި، ސަގާފަތާއި ގުޅޭ މައުލޫމާތު ލިބިގަނެފަ އެވެ.

މިފަދަ އެތައް ބައިވަރު ހަރަކާތްތަކެއްގައި ބައިވެރިވި ކަމުގައިވިޔަސް، ދަރިވަރުން އިމްތިޙާންތަކަށް ތައްޔާރުވުމުގައި އެހީތެރިވެދިނުމަކީ ސްކޫލުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާންތަކުގައި ވެސް ބިލަބޮންގް ހައި ދަރިވަރުންވަނީ ރާއްޖޭގެ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީތައް ހާސިލްކޮށްފަ އެވެ.

މިގޮތުން އޯލެވެލްގައި ދަރިވަރުން ބައިވެރިވި 18 މާއްދާގެ ތެރެއިން 15 މާއްދާއިން 100 އިންސައްތަ ދަރިވަރުން ފާސްވުމާއި، އޭއެސް އަދި އޭލެވެލް އިމްތިޙާނުގައި ޖުމްލަ 5 މާއްދާއިން 100 އިންސައްތަ ދަރިވަރުން ފާސްވުމަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ.

އެހެންކަމުން، މިފަދަ ވަށާޖެހޭ ތައުލީމެއް އަދި ފްރެންޗައިސް ކަރިކިއުލަމަކަށް ގްރޭޑް 1 އިން 12 އާ ހަމައަށް ދިވެހިރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި އިންޓަނޭޝަނަލް ސްކޫލްގެ ލަގަބު ޙާސިލްކޮށްފައިވާ ބިލަބޮންގް ހައި ވެފައިވަނީ ބެލެނިވެރިންގެ މެދުގައިވެސް މަގްބޫލު ސްކޫލަކަށެވެ. މިގޮތުން، މި ސްކޫލަށް ކުދިން ވެއްދުމަށް ޝައުގުވެރިކަން ހުރި ބެލެނިވެރިން އެ ސްކޫލްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށް އެޑްމިޝަންއާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ސްކޫލުން އެދެ އެވެ.