ސެމްސަންގް ފޯނު
08 ޖެނުއަރީ 2019 - 15:40
ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސްގެ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގެ ފައިދާ 29 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
ސެމްސަންގުން ބުނީ މިހާ ބޮޑަށް އެ ކުންފުނީގެ ފައިދާ ދަށަށް ދިޔައީ އެ ކުންފުނިން އުފައްދާ މެމޮރީ ޗިޕް ވިކުން ދަށް ވުމުގެ ސަބަބުންނެވެ.
އެންމެ ގިނައިން މޮބައިލް ފޯނު އުފައްދާ ކުންފުނި ކަމަށްވާ ސެމްސަންގުގެ ފައިދާ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ދަށްވާނެ ކަމަށް އެނަލިސްޓުން ލަފާކުރެ އެވެ. ނަމަވެސް، މެމޮރީ ޗިޕް ވިކޭ މިންވަރު ދަށްވި ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ސެމްސަންގުގެ އާމްދަނީ ދަށްވެފައިވާ އިރު، އެ ކުންފުނީގެ ވާދަވެރި އެޕަލް ކުންފުނީގެ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކުންފުނިން އާމްދަނީ ދަށްވީ ޗައިނާ އިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގައި ސެމްސަންގަށް ލިބުނީ 9.6 ބިލިއަން ޑޮލަރުގެ ފައިދާ އެވެ.
ޗައިނާއަކީ ދުނިޔޭގެ ސްމާޓްފޯނުގެ މާކެޓު އެންމެ ބޮޑު ގައުމެވެ. ޗައިނާ އާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައާ ގުޅިގެން ބޮޑެތި ގިނަ ކުންފުނިތަކަކަށް ދަނީ އަސަރު ކުރަމުންންނެވެ. އަދި ޗައިނާގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރު މަޑު ޖެހުމާ ގުޅިގެން ވެސް ބޮޑެތި ކުންފުނިތަކަށް ކުރާ އަސަރު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy