އެންމެ މުއްސަނދި މީހާ ޖެފް ބެޒޯގެ ކައިވެނި ނިމުމަކަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމެޒޯންގެ ބާނީ އަދި އެ ކުންފުނީގެ ސީއީއޯ ޖެފް ބެޒޯސް އާއި މެކެންޒީގެ 25 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމިކަން އެ މީހުން އިއުލާނުކޮށްފި އެވެ.


ބުދަ ދުވަހު ސޯޝަލް މީޑިއާގައި ޖެފް، 54، އާއި މެކެންޒީ، 48، އާންމު ކުރި ބަޔާނުގައި ބުނީ ކައިވެނި ރޫޅައިލަން ނިންމީ ދެ މީހުން ވެސް އެއްބަސްވެގެން ކަމަށެވެ. އަދި އެ ގުޅުން ނިމުމަކަށް އަޔަސް ކުރިއަށް އޮތް ތަނުގައި ވެސް ދަރިންގެ ބެލެނިވެރިންގެ ގޮތުގަ އާއި ގާތް ދެ ރަހުމަތްރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބުންޏެވެ.

ޖެފް އާއި މެކެންޒީ 1993 ގައި ކުރި ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އެ ދެ މީހުން ނިއު ޔޯކުން އެންމެ ފުރަތަމަ ދިމާވީ ޑީއީ ޝޯ އެންޑް ކޯ އިން 1992 ގަ އެވެ. މެކެންޒީއަކީ ޖެފް 1996 ގައި އުފެއްދި އެމެޒޯންގައި އެންމެ ފުރަރަތަމަ ވަޒީފާ އަދާ ކުރަން ފެށި މީހުންގެ ތެރެއިންއެކެވެ. އޭނާ ފަހުން މަޝްހޫރުވެފައި ވަނީ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އެގޮތުން ލިޔެފައިވާ ފޮތްތަކުގެ ތެރޭގައި "ޓްރެޕްސް" އާއި "ދަ ޓެސްޓިން އޮފް ލޫދާ އަލްބްރައިޓް" ހިމެނެ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުރި ޖެފްގެ މިލްކިއްޔާތު 137 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.