ލިވިން އެކްސްޕޯގައި އަކުއާ ވީޓާއަށް ސަމާލުކަން

ހުޅުމާލެއިން ލިބެން ހުރި އެޕާޓްމަންޓްތަކުގެ މައުލޫމާތު ހޯދާލަން، ދަރުބާރުގޭގައި އޮތް ލިވިން އެކްސްޕޯއަށް ދިޔައިރު މުޅިތަނުން ފެނުނީ މޮޅެތި ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކެވެ. ޓީވީ ސްކީނުތަކުން ފެންނަ ވީޑިއޯތަކުންނާއި އެޕާޓްމަންޓްތަކާ ވައްތަރުވާނެހެން ތައްޔާރުކޮށްފައިވާ ޑިޒައިންތަކުން މުޅިތަން ވަނީ ފުރިފަ އެވެ. ނަމަވެސް އެތަނުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އަކުއާވީޓާގެ އެޕާޓްމެންޓްތަކެވެ. ވަރަށް ހިތްގައިމެވެ.


ފުރަތަމަ އެ ސްޓޯލަށް ވަންނައިރު ރަޖިސްޓާ ވުމަށް އެދެ އެވެ. ރަޖިސްޓްރީކުރަން ބޭނުންވަނީ ކިތައް ރޫމްގެ އެޕާޓްމެންޓްތަކެއްތޯ އޮޅުންފިލުވަ އެވެ.

ރަޖިސްޓާ ކުރާ މޭޒުން، ބޭނުންވަނީ ކިތައް ރޫމުގެ އެޕާޓްމަންޓެއްތޯ އެހި އެވެ. ދެ ރޫމު އެޕާޓްމެންޓެކޭ ބުނުމުން ފޯމެއް ނަގައި އޭގައި ދެ ރޫމް އެޕާޓްމެންޓްގައި، އެ ތަނުގައި ހުރި އެހީތެރިޔަކު ބޮޅު އެޅި އެވެ. މައުލޫތުދިނުމަށް ހާއްސަކޮށްފައިވާ ހަތަރު މޭޒުގެ ތެރެއިން މޭޒަކަށް ފޯމާ އެކު ކައިރިވެލީމެވެ. އެތަނުން ދައްކާލީ ދެ ރޫމުގެ އެޕާޓްމެންޓްތަކުގެ ތެރެއިން ހުޅުމާލޭ ދެ ވަނަ ފިޔަވައްސާވީ ފަޅިން ވިއު ލިބޭ ރޫމްތަކާއި ސިޓީ ވިއު ލިބޭ އެޕާޓްމަންޓްތަކުގެ ތަފްސީލެވެ. އަގުތަކުގެ ފަރަގާއި އެ ފަރަގު އަންނަ ގޮތް ވެސް ކިޔައިދިނެވެ.

104 އެޕާޓްމެންޓް ވިއްކުމަށް ވަނީ ހަމަޖެހިފައި--ފޮޓޯ:އަކުއާ ވީޓާ ރެޒިޑެންސީސް

އެ ސަރަހައްދުގެ މަންޒަރު ވީޑިއޯއަކުން ވެސް ދެއްކި އެވެ. އަކުއާވީޓާއާ އެހެން އެޕާޓްމެންޓްތަކާ ހުރި ތަފާތަކީ ކޮބައިތޯ އެހުމުން ބުނީ އެންމެ ބޮޑު ތަފާތަކަށް ވާނީ ފެންވަރު ރަނގަޅުވުން ކަމަށެވެ.

"މިހެން ބުނާ އިރު ވެސް އެނގޭ ހުރިހާ ތަނަކުން ވެސް ބުނާނީ އެހެން ކަން. އެކަމަކު އަޅުގަނޑަށް ހަމަ އެންމެ ކަމުދަނީ މި އެޕާޓްމެންޓްތައް ތަރައްގީ ކުރަނީ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ބަޔަކަށް ވުމުން. މިއީ ފްލެޓް ގަންނަ ފަރާތްތަކަށް ވަރަށް ބޮޑު ޔަގީން ކަމަކަށްވާނެ. ނަސަންދުރަ ތަރައްގީކުރާ މީހުން އަޅާ ފްލެޓްތަކެއް. އެމީހުންނަކީ ވަރަށް ފުރިހަމައަށް އެހެން ގައުމުތަކުގައި ވެސް މިފަދަ އެޕާޓްމެންޓްތައް ތަރައްގީ ކުރާ ބައެއް،" އޭނާ ކިޔައިދިނެވެ.

ލިބެން ހުންނަ ހިދުމަތްތައް ވެސް ވަރަށް ހިތްގައިމުކަމުން އެޕާޓްމަންޓް ހަމަ އެ ވަގުތު ބުކްކޮށްލަން ބޭނުންވި އެވެ.

"އަޅުގަނޑުމެން ރިކޮމެންޑް ކުރަނީ، ފުރަތަމަ ލޯނު ލިބޭތޯ ޔަގީން ކުރުމަށް ފަހު ބުކިންފީ ދެއްކުން،" މައުލޫމާތު ދިން މީހާ ލަފާ ދިނެވެ.

ތިން ކޮޓަރީގެ އެޕާޓްމެންޓްތަކާއި ދެ ކޮޓާރީގެ އެޕާޓްމެންޓް އަކުއާ ވީޓާ ރެޒިޑެންސީސުން ލިބޭނެ--ފޮޓޯ:އަކުއާ ވީޓާ ރެޒިޑެންސީސް

އެއީ ކީއްވެތޯ ސުވާލު ކުރީމެވެ. އޭނާ ފާހަގަކުރީ، ފްލެޓް ގަންނަން ފައިސާ ހަރަދުކޮށް ބޮޑެތި ގެއްލުމާ ކުރިމަތިވާ ހާދިސާތަކެވެ. އަކުއާ ވީޓާއިން ބޭނުންވަނީ ކަސްޓަމަރުންނަށް ޔަގީންކަން ބޮޑުކޮށްދިނުމަށެވެ. ގެއްލުން ނުވާނެކަން ކަށަވަރުކޮށްދިނުމަށެވެ.

އަކުއާވީޓާގެ ތިން ރޫމު އެޕާޓްމެންޓްތަކުގައި ވޯކިން އިން ކްލޯޒެޓެއް ހުންނަ އިރު ހުރިހާ އެޕާޓްމެންޓްތަކެއްގައި ބަދިގެ ސެޓް ހުރެ އެވެ. އެހެންވެ، އެޕާޓްމެންޓް ގަންނަ ފަރާތްތަކުން ބެޑްރޫމް ސެޓެއް ފިޔަވައި މާބޮޑު ފަރުނީޗަރެއް ހޯދާކަށް ނުޖެ އެވެ. މިއީ ވެސް ވަރަށް ބޮޑު ފަސޭހައެކެވެ.

ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމެންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ލިވިން އެކްސްޕޯގެ ތެރެއިން އަކުއާ ވީޓާ ރެޒިޑެންސީސްގެ އެޕާޓްމެންޓް ބުކް ކުރާ ނަމަ ބޮޑު ޑިސްކައުންޓްތަކެއް ވެސް ލިބޭނެ އެވެ. މިހާރު ވެސް ގިނަ ބަޔަކު އަންނަނީ ބުކިން ހައްދަމުންނެވެ.

އަކުއާ ވީޓާ ރެޒިޑެންސީސްގައި އެޕާޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ޕޫލެއް އޮވޭ--ފޮޓޯ:އަކުއާ ވީޓާ ރެޒިޑެންސީސް

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ 14 ބުރީގެ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ.

އަކުއާ ވީޓާގެ އެޕާޓްމަންޓްތަކުގެ ތެރެއިން ތިން ރޫމާއި މެއިޑް ރޫމާ އެކު އެޕާޓްމެންޓްތަކުގެ އަގު ފެށެނީ 3.9 މިލިއަން ރުފިޔާއިންނެވެ. އަދި ދެ ރޫމާއި އެއް މެއިޑް ރޫމާ އެކު އެޕާޓްމަންޓްތަކުގެ އަގު ފެށެނީ 3.1 މިލިއަން ރުފިޔާއިންނެވެ.

މި އެޕާޓްމެންޓްތައް 2020 ވަނަ އަހަރުގެ މާޗު މަހު ނިންމާލެވޭނެ ކަމަށް، ޕްރޮޖެކްޓް ހިންގާ ކުންފުނިން ބުނެ އެވެ. އެހެންވެ މިހާރު ވެސް ބުކް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ލީސް ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.