އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު--ފޮޓޯ: މިހާރު
13 ފެބުރުއަރީ 2019 - 18:49
ގްލޯބަލް މަނީ ވީކުގައި ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންގެ އިގްތިސާދީ ހޭލުންތެރިކަން އިތުރު ކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
މާޗު 25 އިން 31 އަށް ކުރިއަށް ގެންދާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެކަމަށް ހާއްސަކޮށްފައިވާ ފޭސްބުކު ޕޭޖްގައި މިއަދު އާންމުކޮށްފައިވާ ވީޑިއޯ މެސެޖްގައި ނަސީރު ވިދާޅުވީ، އެހާ ކުލަ ގަދަކޮށް މި ހަފުތާ ފާހަގަކުރުމުގެ ބޭނުމަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ފައިސާގެ މުހިންމުކަމާއި އިގްތިސާދު ކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސް ނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ބޮޑު ކެމްޕޭނެކެވެ.
މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ އެކިއެކި ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ވަނީ ހަމަޖެހިފަ އެވެ. ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހަވީރަކުންނެވެ.
ގްލޯބަލް މަނީ ވީކްގެ ރާއްޖޭގެ ހަރަކާތްތައް ހާއްސަކޮށްގެން "ގްލޯބަލް މަނީ ވީކް މޯލްޑިވްސް" ފޭސްބުކް ޕޭޖެއް ވަނީ ހަދައިފަ އެވެ. މި ޕޭޖްގައި ވަނީ "ލައިކް ޝެއާ އެންޑް ވިން" ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000ރ. ގެ ހަނދާނީ ނޫޓެއް ދިނުމަށް އެމްއެމްއޭ އިން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy