ސަރުކާރުން މިހާރުވެސް 57 ލޯނަކަށް ފައިސާ ދައްކާ

މިދިޔަ 40 އަހަރު ތެރޭ ސަރުކާރުން ނަގާފައިވާ 57 ލޯނަކަށް ސަރުކާރުން ފައިސާ ދައްކަމުން އަންނަކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދަރަންޏާ ގުޅޭ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.


ފިނޭންސުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 1979 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމަޔަށް 99 ލޯނެއް ނަގާފައިވެ އެވެ. އޭގެ ތެރެއިން ފައިސާ ދައްކަން ޖެހޭ ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ.

އައިޑީބީން 19 ލޯނެއް ނަގާފައިވާ އިރު އޭޑީބީން 18 ލޯނެއް ނަގާފައިވެ އެވެ. ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ސަރުކާރުން ނަގާފައިވަނީ 2008 ވަނަ އަހަރު އެވެ. އެ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 20 ލޯނެއް ނަގާފައިވެ އެވެ.

ލޯނު ނަގައިގެން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން 41 މަޝްރޫއުއެއް މިހާރު ވެސް ކުރިއަށްދެ އެވެ.

ދައުލަތުގެ ދަރަނި މިދިޔަ އަހަރާ ހަމަޔަށް ވަނީ 47.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނެވެ. ރާއްޖެއިން ބޭރުން ނަގާފައިވާ ލޯނުގެ މިންވަރު 27.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ރާއްޖޭގެ ބޭންކުތަކުންނާއި ކުންފުނިތަކުން ސަރުކާރަށް ނަގާފައިވާ ލޯނުގެ އަދަދު އުޅެނީ 20.1 ބިލިއަން ރުފިޔާގަ އެވެ.

އާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހހ ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނު އިރު ލޯނާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ކަމަށެވެ.

ދައުލަތުގެ ދަރަނި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ މިހާރު ހުރީ 53 ޕަސެންޓުގަ އެވެ.