"އެ އައީ" ގެ ފައުންޑަރުން ކަމަށްވާ އަހުމަދު ނިޔާޒް (ވ)، މާދިން މަސީހު (މ)، މައީޝް މަސީހު (ކ)
28 ފެބުރުއަރީ 2019 - 10:35
ދުނިޔޭގައި ޓެކްސީ ހިދުމަތް މުޅިިން ބަދަލުވެއްޖެ އެވެ. ފޯނު އެޕަކުން ޓެކްސީ ހަމަޖައްސައި، ޓެކްސީ އޮތް ތަން އެނގި، އަންނަން ނަގާނެ އިރު ވެސް ލަފާކުރެވެ އެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު އާންމު ހިދުމަތެއް ނަމަވެސް ރާއްޖޭގައި އެކަން އޮތީ އެހާ ފަސޭހަކޮށެއް ނޫނެވެ. އެކަމަކު ޒުވާނުންގެ ޓީމަކުން އެ ހިދުމަތް މި ވަނީ ތަރައްގީކޮށް، އެންމެ ފަހުން އާންމުންނާ ހަމަޔަށް ގެނެސްދީފަ އެވެ.
އާ އެޕްގެ ނުވަތަ ހިދުމަތުގެ ނަމަކީ "އެ އައީ" އެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅުމުގެ ބަދަލުގައި ނުވަތަ މަގުމަތީގައި އަތް ހޫރަހޫރާ އެތައް އިރެއް ހޭދަނުކޮށް، ކުރިއާލާ ބުކްކޮށްގެން ދަތުރުތައް ކުރުމުގެ ފުރުސަތު "އެ އައީ"އާ އެކު ފަހިވެއްޖެ އެވެ.
މިއީ ދެ ޒުވާނެއްގެ ވިސްނުމާއި މަސައްކަތެވެ. މާދިން މަސީހާއި އަހުމަދު ނިޔާޒު އެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ގާތް ދެ އެކުވެރިންނެވެ. އާ ޓެކްނޮލޮޖީތަކާއި އާ އީޖާތުތަކަށް އަހުލުވެރި މި ދެ ޒުވާނުން ބޭނުންވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް ޒަމާނީ ޓެކްސީ ހިދުމަތް ތައާރަފް ކުރުމަށެވެ.
މާދިން ވަނީ ބައިނަލްއަގްވާމީ ހެކަތޯން މުބާރާތްތަކުގައި ވާދަކޮށް ވަނަތައް ވެސް ހާސިލުކޮށްފަ އެވެ. އެގޮތުން ދުބާއީގައި 2014 ގައި އޮތް ހަލްޓް ޕްރައިޒް އިންޓަނޭޝަނަލް ކޯޑިން މުބާރާތުން ތިން ވަނަ ހޯދި އެވެ.
"އެ އައީ"ގެ ސީއީއޯ އުމުރުން 25 އަހަރުގެ މާދިން ވިދާޅުވީ މިފަދަ އެޕްލިކޭޝަނެއް ތައާރަފް ކުރަން ވިސްނެވީ މިއީ ރާއްޖެއަށް ވެސް ބޭނުން ހިފޭނެ ހިދުމަތެއް ކަމަށް ގަބޫލުކުރައްވާތީ އެވެ.
އޮންލައިންކޮށް ޓެކްސީ ބުކް ކުރުމުގެ ހިދުމަތް ދޭ "އޫބާ" ފަދަ މޮޑެލްއަކަށް ރާއްޖޭގެ މާކެޓަށް "އެ އައީ" ގެނައީ ހަތަރު އަހަރުގެ މަސައްކަތުންނެވެ. އެހާ ގިނަ ދުވަސް ނެގީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ކަންކަން ދެނެގަނެ، އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ ގޮތްތަކެއް ބެލުމަށެވެ.
މާދިން އާއި ނިޔާޒްގެ ހިޔާލުތަކާއި ބޭނުންވާ ފީޗާސްތަކާ އެއްގޮތަށް "އެ އައީ" އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ފެށީ މެލޭޝިއާގެ ސޮޕްޓްވެއާ ޑިވެޕޮލަރުންތަކެއްގެ އެހީގަ އެވެ.
އޭގެ ކުރިން ވެސް މި ދެ އެކުވެރިން ވަނީ މިފަދަ އެހެން އެޕްލިކޭޝަނެއް ތަޖުރިބާކޮށްފަ އެވެ. އެގޮތުން 2015 ގައި، "ކޮބާ ޓެކްސީ" ނަމުގައި އާންމުންނަށް ޓެކްސީއާ ގުޅޭ ޒަމާނީ ހިދުމަތެއް ދޫކޮށްލި އެވެ. އެކަމަކު އެ އެޕްލިކޭޝަން ހިންގަން އޭރު ދެ އެކުވެރިންނަށް އުނދަގޫވި އެވެ. މަތީ ތައުލީމު ހާސިލްކުރަމުން ދިޔުމާ އެކު އަމިއްލައަށް އެކަން ނުކުރެވިގެން، އެންމެ ފަހުން ޓެކްސީ ސެންޓަރަކަށް، "ކޮބާ ޓެކްސީ" ވިއްކާލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ އެޕްލިކޭޝަން ބޭނުން ކުރުން ހުއްޓުނެވެ.
އެ އައީ އެޕް ބޭނުންކޮށްގެން 1000 ދަތުރު ވަނީ ކޮށްފައި
"މިފަދަ ހިދުމަތް ތައާރަފްކުރާ އިރު ޑްރައިވަރުން ބޭނުންވާން ޖެހޭ. އަސްލު ރާއްޖޭގައި ޓެކްސީ ޑްރައިވަރުންނަށް ޕެސެންޖަރުން ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫން. އެހެންވީމަ މިފަދަ އެޕްލިކޭޝަނެއް ބޭނުން ނުވަނީ. އެކަމަކު ބްރިޖާ އެކު މިފަދަ އެޕަކަށް ނީޑެއް އޮތް ކަމަށް ގަބޫލުކުރެވޭ،" މާދިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ކޮބާ ޓެކްސީ" އެޕްލިކޭޝަން ބޭނުން ކުރުން ހުއްޓާލުމުން އަނެއްކާވެސް މަސައްކަތް ކުރީ އެފަދަ އެހެން އެޕްލިކޭޝަނެއް އުފެއްދުމަށް ކަމަށެވެ. އެގޮތުން "އެ އައީ" އެޕްލިކޭޝަން މެނޭޖުކުރަނީ އަށެއްކަ މީހުން ހިމެނޭ ޓީމަކުންނެވެ.
މާދިން ކިޔައިދެއްވި ގޮތުގައި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އެކަށީގެންވާ އުފެއްދުންތައް ނާންނަ އެންމެ ބޮޑު އެއް ސަބަބަކީ އިންޓަނެޓްގެ ސްޕީޑު ދަށްވުމާއި އިންޓަނެޓް ހިދުމަތުގެ އަގު ބޮޑުވުމެވެ. ނަމަވެސް މިހާރު އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ އައީ" ބޭނުންކޮށްގެން ޓެކްސީ ޑްރައިވަރުން ކަސްޓަމަރުން ހޯދާ އިރު އެއްވެސް ފީހެއް ދައްކާކަށް ނުޖެހެ އެވެ.
މި އެޕްލިކޭޝަން 2017 ގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ވިޔަފާރިތަކާއި ގެސްޓްހައުސްތަކުންނެވެ. ނަމަވެސް މިދިޔަ ޖެނުއަރީ 15 ގައި އާންމުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލި އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކޮށްލެވޭނެ އެވެ.
"އެ އައީ" އެފް ސްޓޯރުން އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ
މިހާރު މި އެޕްލިކޭޝަން 60 އަށް ވުރެ ގިނަ ޓެކްސީން އަންނަނީ ބޭނުންކުރަމުންނެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި އެޕްލިކޭޝަން މެދުވެރިކޮށް 1000 ދަތުރުކޮށްފައިވާ ކަމަށް، "އެ އައީ" ޓީމުން ބުނެ އެވެ. މި އެޕްލިކޭޝަން މިވަގުތު އެންމެ ގިނައިން ބޭނުން ކުރަނީ ފިރިހެނުންނެވެ. ނަމަވެސް ޑެއިލީ ޕެސެންޖަރުންގެ ގޮތުގައި އެންމެ ގިނައިން އެޕްލިކޭޝަން ބޭނުން ކުރަނީ ޒުވާން އަންހެން ކުދިންނެވެ.
"އެ އައީ"ގެ ޓީމުން ބުނާ ގޮތުގައި އެޕްލިކޭޝަންގެ ޑިމާންޑް ބޮޑުވާ ނަމަ، އިތުރު ކަންކަން ވެސް ހިމަނައި، ހިދުމަތާ އެއްކޮށްލުމުގެ ވިސްނުން އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޒްވަތް
02 March 2019
ވަރަށް ފަސޭހަ އެޕެއް، ހައިލީ ރެކޮމެންޑެޑް.
ހަސަނު 666
02 March 2019
މިއެޕް ވަރަށް ވެސް ފުރިހަމަ
މަހުދީ
02 March 2019
ޓެކްސީ ޑުރައިވަރުން ބުނެގެން މާލެއަށް ޓެކްސީ ބޯޑު ވަނީ ލިމިޓް ކޮށްފައި އަޅުގަނޑު ހިތައް އަރާ ކީއްވެބާއޭ؟ ޓެކްސީ ބޯޑު އެކަނި..ލިމިޓް ކުރަން ޖެހެނީ ސަބަބެއް ނޭގުނު ނަމަވެސް ޓްރާންސްޕޯޓުން އެކަން ވަނީ އެގޮތަށް ކޮށްފައި މިހެން މިދެންނެވީ ވިޔަފާރިއަކީ ލިމިޓް ކުރަންޖެހޭ އެއްޗެއްކަމަކަށް އަޅުގަނޑު ނުދެކެން ޓެކްސީ ނޫން ހުރިހާ ކަމެއް ވަނީ އަންލިމިޓް ކޮށް ދޫކޮށްލާފައި ކޮންމެ މިހާކަށް ވެސް ވިޔަފާރިއެއް ރަޖިސްޓްރީ ކޮށް ހިންގިދާނެ
އާދު
01 March 2019
ތިކަމުން އެއްވެސްހައްލެއްނާދޭ
ޢައްޔަބެ30
28 February 2019
ޢެޕްލިކޭޝަންތައް ނެތިގެނެއް ނޫން ރައްޔިތުން މި އުޅެނީކީ. ޜައްޔިތުމީހާ ދެރަވަނީ ތި ޓެކްސީ ތަކުގަ ތިބޭ ޑުރައިވަރުން އެ ނަގާ ފީބޮވީމަ. ޙައްލެއް ނޫން މީކީ. ޢެއައީ ކީއްކުރަން ، އެ ދިޔައީ ކިޔާ އެޕެއް ހެދިޔަސް އަގަށް ބަދަލު ނާއްނަނީސް އެއްވެސް ހައްލެއްނެތް.
ޙާމަ
28 February 2019
ޒަމާން ތަރައްޤީ ވާންހެން ދިވެހީން ތަރައްޤީ ވާކައް ބޭނުމެއް ނުވެއެވެ. ޙަމަ އަތްނަގައިގެން ޓެކްސީ ހުއްޓުވުން އެއީ އާދައެކެވެ. ޓެކްސީ ޑްރައިވަރުންވެސް ބޭނުންވާ ގޮތެވެ.ކިތަންމެ މޮޅު އެޕެއް ހެދިއަކަސް ހައްލުނުކުރެވޭނެއެވެ.
ނަން ކަމަކު ނުދޭ
28 February 2019
ކިޔަން އުނދަގޫ ކަމަކުނުދާ ނަމެއް. މިއީ މިކަން ކުރާ ބޭރުގެ އޫބާ ނޫނީ ލިފްޓް ކަހަލަ ކުންފުންޏަކުން މިތާގަ މިކަން ނުފަށަނީސް ކުރަން މުހިންމު ކަމެއް. އެމީހުން ފަށައިފިއްޔާ އަނެއްކާވެސް ބައިވަރު ފައިސާތަކެއް ބޭކާރުގޮތުގަ ގައުމުން ބޭރަށް ދާނެ.
އެއްކަލަގޮލާ
28 February 2019
މި އެޕް އަށް ސައިކަލު ޓެކްސީ ފީޗަރް އައިއް ސިއްޔާ އިތުރަށް ފުރިހަމަވާނެ
ހެހެ
01 March 2019
ސައިކަލް ޓެކްސީ ގެ ޙިދުމަތް އޮވެގެން ދޯ ފީޗަރ އެމީހުން އެޕައް އިތުރު ކުރިޔަސް ޙިދުމަތް ލިބޭނީ.
އަލީ.
28 February 2019
ގުޑް. ވައިގަ ހިފައިފިއްޔާ ސަޅި އެޕަކަށް ވާނެކަމަށް ދެކެން. އެކަމަކު، ތިއީ ކިޔަން އުނދަގޫ ނަމެއް. ދަތަރުކުރާ ރާއްޖެއިން ބޭރު މީހުންވެސް ބޭނުންކުރާނެ. ކިޔަން ފަސޭހަ ނަމެއް ނަމަ ދޯ!
ސަންފަ
28 February 2019
ހައު އޮރިޖިނަލް. ލޮލް.